ޚަބަރު

ކޯވިޑް ޖެހިގެން މަރުވި އަދަދު 8 އަރައިފި


ކޯވިޑް-19ގައި ފަރުވާދެމުންދިޔަ އިތުރު ބިދޭސީއަކު މަރުވެއްޖެއެވެ.

ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާ މަރުވީ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 9:30 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 8 އަކަށް އަރާފައެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން 4 ދިވެއްސަކުވެސް ވަނީ މަރުވެފައި އެވެ. އަދި ބަންގްލަދޭޝް މީހުންގެ ތެރެއިން މި ބަލީގައި ރާއްޖެއިން މަރުވި މީހުން އަދަދުވެސް މިހާރު މި ވަނީ 4 އަކަށް އަރާފައި އެވެ.

މި ބަލީގައި މަރުވި ހުރިހާ ދިވެހިންނަކީވެސް އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖޭގައި 1883 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 717 މީހުން ބަލިން ރަނގަޅުވެފައިވާއިރު އެބައްޔަށް ހޮސްޕިޓަލުގައި 16 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.