ޚަބަރު

ކޯވިޑް-19 : އިތުރު 10 މީހަކު ރަނގަޅުވެ، ޖުމްލަ އަދަދު 773އަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 10 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރެއްވި ތަފާސްހިސާބަށް ބަލާއިރު ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 773 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. ދިފާއީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19 އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށްހަދާ ޕީސީއާރު ޓެސްޓު ނުހަދާގޮތަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ޖެހޭ މީހުން ދޫކޮށްލަނީ ބަލިން ރަނގަޅުވުމަށްފަހު ޕީސީއާރު ޓެސްޓްހަދާ އެމީހަކު ދެފަހަރަށް ނެގެޓިވްވުމުންނެވެ.

ކޯވިޑް-19 އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ އާދެ ރޯގާއެއް ނުވަތަ އެނޫންސްވެސް ހުމުގެ އަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތުތަކަކަށް ބެލުމަށްފަހުގައިކަމަށް އެޗްޕީއޭން ވަނީ ހާމަކުރައްވާފައެވެ.

މިމަހުގެ މިހާތަނަށް ރައްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 235 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިމިހުގެ މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު:
- 1 ޖޫން 2020 ގައި 3 މީހަކު ވަނީ ރަނގަޅުވެފަ
- 2 ޖޫން 2020 ގައި 37 މީހަކު ވަނީ ރަނގަޅުވެފަ
- 3 ޖޫން 2020 ގައި 36 މީހަކު ވަނީ ރަނގަޅުވެފަ
- 4 ޖޫން 2020 ގައި 4 މީހަކު ވަނީ ރަނގަޅުވެފަ
- 5 ޖޫން 2020 ގައި 69 މީހަކު ވަނީ ރަނގަޅުވެފަ
- 6 ޖޫން 2020 ގައި 46 މީހަކު ވަނީ ރަނގަޅުވެފަ
- 7 ޖޫން 2020 ގައި 10 މީހަކު ވަނީ ރަނގަޅުވެފަ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ އިންސައްތަ މިހާރު ވަނީ 40 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި މިހާރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ 8 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 4 ބިދޭސީންނެވެ.