ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެދަށުން އެޗްއާރުސީއެމްއިން ހަދަންޖެހޭ ޤަވާއިދުތައް ހެދުމަށް 30 ދުވަސް ދީފި


ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހިއުމަންރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްއިން ހަދަންޖެހޭ ޤަވާއިދުތައް މިއަދާއި ހަމަޔަށްވެސް ހަދާފައި ނުވާތީ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެޤަވާއިދު ހެދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގައިވައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގައި ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން ހަދަންޖެހޭކަމަށް ބަޔާންކުރާ ޤަވާއިދު ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައި ނުވާތީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އެ ޤަވާއިދު 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް އަންގަވާފައިވާކަމަށެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 211 ވަނަ މާއްދާގައިވަނީ:
މި ޤާނޫނުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ޤަވާއިދު ހަދާނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.
1. މި ޤާނޫނުގެ ދަށުން ތަޙްޤީޤުކުރުމާގުޅޭ ކަންކަމުގައި ގަވާއިދުތައް ހަދާނީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުންނެވެ.
2. މި ޤާނޫނުގެ ދަށުން ދަޢުވާ އުފުލުމާއި ދަޢުވާކުރުމާގުޅޭ ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
3. މި ޤާނޫނުގެ ދަށުން ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ސުޕްރީމް ކޯޓުންނެވެ.

ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ:
(ރ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލަންޖެހޭނެކަމަށް.

ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަމެއް ނުކޮށްވާނަމަ އެކަން ކަށަވަރު ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްއަށް ޤާނޫނު އަސާސީން މަރުކޮށްފައިވާ ޒިންމާއެކެވެ.