ޚަބަރު

ކޯވިޑް-19 : "ކޯވިޑް ފްރީޒޯން" ތަކުގައި އިޤްތިޞާދު ފަށަން ގޮވާލައި، މަޖިލީހަށް ޤަރާރެއް


ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކާ ކުރިމަތިލުމަށް، އައު ޢާއްމު ޙާލަތުގެ ތެރެއިން "ކޮވިޑް ފްރީ ޒޯން"އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެގޮތަކަށް، ޤައުމު ހުޅުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. މި ޤަރާރަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ
އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެވޭނެގޮތެއް ފަހިކުރުމުގެގޮތުން، ދުނިޔޭގެ ޤައުމުތަކުންވެސް ޢަމަލުކުރަމުން އަންނަ ފަދައިން، ރާއްޖެއިންވެސް ޞިއްޙީ ރައްކާތެރިކަމުގެ ބަންދަށް ލުޔެއް ގެނެސް، އިޤްތިޞާދީ ޙަރަކާތްތައް ވަކިހަމަތަކެއްގެ މަތިން ހުޅުވާލުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ޤަރާރެކެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ 2ވަނަ ދައުރުގެ 3ވަނަ ޖަލްސާއަށް ވަނީ މިޤަރާރު އެޖެންޑާކޮށްފައެވެ. ޤަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދު ހުޅުވާލުމުގައި ރާއްޖޭގައި މިބަލި ފެތުރިފައިވާ ސަރަޙައްދުތަކަށާއި، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ޖިއޮގްރަފިކަލް ގޮތުން އެތުރިފައިވާ ގޮތަށާއި، އެސަރަޙައްދުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ޤާއިމުވެފައިއޮތް މިންވަރަށް ބަލައިގެން، އެންމެ އެކަށީގެންވާ ސަރަޙައްދުތައް އެކި މަރުޙަލާތަކުގައި ހުޅުވަންޖެހޭކަމަށް ޤަބޫލުކުރާކަމަށެވެ.

މިގޮތުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރަށް، ރާއްޖޭގެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެކުނުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާލަންޖެހޭކަމަށެވެ. އަދި ކަނޑުމަގުން ރާއްޖެއަށްއެތެރެކުރެވޭ މުދަލަށް ބަނދަރުތައް ހުޅުވާލުމުގެ ޕްލޭނެއް އެކުލަވާލައި މާލޭ ބަނދަރުގެ އިތުރުން އައްޑޫސިޓީގެ ބަނދަރާއި ކުޅުދުއްފުށީސިޓީގެ ބަނދަރު އާގުބޯޓުފަހަރުތަކަށް ހުޅުވާލަންޖެހޭކަމަށް މިޤަރާރުގައި ބުނެފައިވެއެވެ.

އުތުރާއި ދެކުނުގައި ބަނދަރުތައް ހުޅުވިއްޖެނަމަ ސަރުކާރާއި ޢާއްމު ވިޔަފާރި ތަކުގެ ގުދަންތައް އެސަރަޙައްދުތަކުގައި އިތުރުވެ، އަދިއެ ސަރަޙައްދުތަކާ ކައިރިއަތޮޅުތަކަށް އިޤްތިޞާދީ ގޮތުން ލުއި ފަސޭހަތަކެއް ލިބި، ތޮއްޖެހިފައިވާ މާޙައުލަށް ވަރަށްބޮޑު ލުޔެއް
ލިބިގެންދާނެކަމަށް ޤަރާރުގައި ބުނެފައިވެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެވެންދެން އިޤްތިޞާދު ހުއްޓާލައިގެން ތިބެންޖެހޭ މުއްދަތު ދިގުލައިގެންދާނަމަ، އިޤްތިޞާދީ ތަދުމަޑުކަމެއްގެ ނިކަމެތިކަމާއި ކުރިމަތިލާންޖެހޭ ރައްޔިތުން، ބަލިޖެހޭ މީހުންނަށްވުރެ ގިނަވުމުގެ ބިރު ނުހަނު ބޮޑުވެފައިވާއިރު، މިދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށްގެން ރޭވުންތެރި އަމާޒެއްގެ ދަށުން މިކަންކުރުމަށް ދިވެހިރާއްޖޭގެ ތިން ސަރަޙައްދެއް އިޤްތިޞާދީ ގޮތުން ހުޅުވާލުމަށް މިޤަރާރުގައިވަނީ ގޮވާލާފައެވެ.