ޚަބަރު

ކޯވިޑް-19 : ވަޒީފާ ގެއްލުނު 488 މީހަކަށް 1 މިލިއަށްވުރެ ގިނަ ރުފިޔާ ދީފި


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭން ކަނޑައެޅި އިނާޔަތް 488 މީހަކަށް ދީފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ ޢިނާޔަތުގެ ގޮތުގައި އޭޕްރީލް މަހުން ފެށިގެން 3 މަސްދުވަހު، މަހަކު ފަސް ހާސްރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިހާތަނަށް 488 މީހަކަށް އެއްމިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހަތް ހާސް ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ އުސޫލުގައި ވާގޮތުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ފަސްހާސް ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ދޭނެކަމަށްވެސް މި އުސޫލުގައިވެއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އަދި މާރޗް 1 އާއި ހަމައަށް ވަޒީފާއެއްގައި ހުރި މީހަކަށްވާން ޖެހޭކަމަށްވެސް މި އުސޫލުގައިވެއެވެ.

މި އުސޫލުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭނެގޮތްވެސް ސަރުކާރުން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް މީހުން ހިމެނެއެވެ.