ކޯވިޑްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މުޅި އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ޤައުމަކަށް މިއީ އެތައް ގޮތަކުން ގެއްލުމާ ކުރިމަތިލާންޖެހޭކަމެކެވެ. އެހެންކަމުން މިހާލަތުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށުމަކީ ރާއްޖެއަށް ކޮންމެހެންވެސް މުހިއްމުކަމެކެވެ. އެގޮތުން އަންނަމަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް ސަރުކާރުން ގެންދަވަނީ ޕްލޭންތަކެއް ހަދައިގެން، މަސައްކަތްތަކެއް ކުރައްވަމުންނެވެ. ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާއިރު، ފަތުރުވެރިން އަލުން ރާއްޖެއަށް ގެނައުމަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މިގޮތުން ކޯވިޑްއަށްފަހު ރާއްޖެއަށް ފަތުރުވެރިން އަލުން ގެނައުން ފެށުމުގެ ގޮތުން "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ނަމުގައި ރޭ ފޭސްބުކް ލައިވް މެދުވެރިކޮށް އެމްއެމްޕީއާރުސީން ބޭއްވި ހަރަކާތަކީ މިގޮތުން ބޭއްވި އެންމެ ބޮޑު ހަރަކާތެވެ.
4 ގަޑިއިރަށް ދެމިގެންދިޔަ މިހަރަކާތުގައި ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން، ބައެއް ޤައުމުތަކުގެ ސަފީރުންގެ އުއްމީދުން ފުރިގެންވާ މެސެޖްތައް ލިބިގެންދިޔައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފޮނުވަމުންދިޔަ މެސެޖުތަކުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ފަތުރުވެރިން ރާއްޖެ އަންނަން ކެތްމަދުވެފައި ހުރިވަރެވެ. ރާއްޖޭގެ ރީތި މަންޒަރުތައް އެކި ގޮތްގޮތުން ފެނިފައިވާ ތިބި މީހުން ހުރީ ރާއްޖޭގެ ރިސޯޓްތައް ހުޅުވާނެ ދުވަހަކަށް ބަލަބަލައެވެ.
ބައެއް ފަތުރުވެރިން ބުނީ އެމީހުންނަށް ރާއްޖެއިން ފެނިފައިވަނީ ދުނިޔޭގެ އެހެން ހިސާބުތަކުން ނުފެންނަ ފަދަ ރީތި މަންޒަރުތަކެއްކަމަށެވެ. އަދި ދޮންވެލި ގޮނޑުދޮށްތަކާއި، ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލުމަށް އަދިވެސް ރާއްޖެ ދާން ބޭނުންވާކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފޮނުވަމުންދިޔަ މެސެޖުތަކުގައި ފަތުރުވެރިން ބުނަމުންދިޔައެވެ.
"އަހަރެން ރާއްޖެއަށް ގޮސްފިން. އެކަމަކު ފިރިމީހާ ގޮވައިގެން ދާން އަދި ދާން ބޭނުންވޭ. އެއީ ވަރަށް ރޮމޭންޓިކް މަންޒިލެއް. އަހަރެންގެ ރަށްޓެހިން ކައިރީވެސް ބުނަން ރާއްޖެއޭ އެންމެ ރީތި މަންޒިލަކީ ޒިޔާރަތްކުރުމަށް" އެމެރިކާގެ ކެލިފޯނިއާގައި އުޅޭ ޓްރެވަލް ރައިޓަރއެއްކަމަށްވާ ލެސްލީ ފޮނުވި ވީޑިއޯ މެސެޖުގައި ބުންޏެވެ.
"ރާޅުތަކުގެ ތެރޭގައި ރާޅާ އަޅާލުމާއި، ފަރުތަކާއި މޫދުގެ ދިރުންތައް ބަލާލަން ދާން އަދިވެސް ބޭނުން" އާއްމުކޮށް ރާޅާ އެޅުމަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިޔަކު ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީން ބޭއްވި ފޭސްބުކް ލައިވްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެސެޖުތައްވެސް ހިއްސާކުރިއެވެ. ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތައް ތިބީ ތައްޔާރަށްކަމަށެވެ. އަދި އަލުން ފަތުރުވެރިން ގެނެސް، ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު އަލުން ފެށޭނެކަމުގެ ޔަޤީންކަން އެފަރާތްތަކުން ދެއްވިއެވެ.
"ސުނާމީ، ސާސްފަދަ ބަލިމަޑުކަމާވެސް ފަތުރުވެރިކަމުގެ ސިނާއަތުން ކުރިމަތިލި. ނަމަވެސް އެކަންކަމުން ކާމިޔާބުކަމާއެކު އަރައިގަނެވުނު. އެހެންކަމުން ހުރިހާ އެންމެން ގުޅިގެން ހަރަދަނާ ފިޔަވަޅުތަކެއް އަޅައިގެން މަސައްކަތްކޮށްފިނަމަ ކޯވިޑްގެ ހާލަތުންވެސް އަރައިގަނެވޭނެ. "ދަ ސަން ވިލް ރައިޒް އަގެއިން"، އެކަމާ މެދު ޝައްކެއް ނެތް" ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެއް ބާނީ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ހުސައިން އަފީފް ވިދާޅުވިއެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުން ވިދާޅުވާ ގޮތުން ރާއްޖެއަކީ ކޯވިޑް ފަދަ ބަލިމަޑުކަމަކުން ރާއްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ފަތުރުވެރިކަން ހިންގޭނެ ހަމައެކަނި މަންޒިލްކަމަށެވެ.
"ރާއްޖޭގެ ރިސޯޓްތައް ހުންނަނީ ވަކިވަކީން. ގިނަ މީހުން އުޅޭ ބޮޑެތި އިމާރާތްތަކެއް ރިސޯޓްތަކުގައެއް ނުހުރޭ. ކޯވިޑްފަދަ ކާރިސާއަކަށްފަހު ފަތުރުވެރިކަން އަލުން ފަށާއިރު އެންމެ ރާއްކާތެރިގޮތެއްގައި ކަންކަން ހަމަޖެހިފައި އޮތް ޤައުމަކީ ރާއްޖެ. ފަތުރުވެރިކަމާ ގުޅޭ ހުރިހާ ކަމެއް ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދެވޭ ކަމުގައިވާނަމަ އެންމެ ކަމިޔާބު ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެވެގެންދާނެ" 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށުނުއިރު، އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރގެ މަޤާމުގައި ހުންނެވި އަހުމަދު ނަސީމް ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފޮނުއްވި މެސެޖުގައި ކޯވިޑްގެ ހާލަތުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބްރޭންޑަކީ ރާއްޖޭގެ ރީތިކަން. ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަމަކީ އަޅުގަނޑުމެންގެ ބްރޭންޑް. ދުނިޔޭގެ ހުރިހާ ކަންކޮޅަކުން އަންނަ ފަތުރުވެރިންނަށް އަބަދުވެސް ރާއްޖެއިން މަރުޙަބާ ކިޔާނެ. ހުރިހާ އެންމެންގެ އެހީތެރިކަމާއެކު ހުސްވެފައިވާ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް އަލުން ފުރާލެވޭނެކަން ޔަޤީން. އަޅުގަނޑުމެން މިކަމުން އަރައިގަނެ، ފަތުރުވެރިންނަށް އަނެއްކާވެސް މަރުޙަބާ ކިޔާނަން... އަޅުގަނޑުމެން އެނބުރި އަންނާން" ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދެއްވި މެސެޖުގައި ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ބޭއްވި ފޭސްބުކް ލައިވް 85 ހާހަށްވުރެ ގިނަ މީހުން ބަލާފައިވާއިރު އުއްމީދީ މެސެޖުތަކުގެ އިތުރުން، ރާއްޖޭގެ ހިތްގާއިމު މަންޒަރުތަކާއެކު ދިވެހި ފަންނާނުންގެ ހުށަހެޅުންތަކެއްވެސް ފެނިގެންދިޔައެވެ. 4 ގަޑިއިރުގެ ޚާއްސަ އިވެންޓް ނިންމާލީ ފޭސްބުކް ލައިވް ތެރެއިން ކުރިއަށްގެންދިޔަ ޕޯލްތަކުން ގުރުއަތުންނެވެ. ޕޯލްތަކުން ގުރުއަތުން ހޮވުނު ފަރާތްތަކަށް ވަނީ ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ދީފައެވެ.