ޚަބަރު

ޠަވާފްކުރުމުގެ ނަސީބު މިސްކިތް ބަލަހައްޓަންތިބި މީހުންނަށް


މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް ކަމަށްވާ، މައްކާގެ މަސްޖިދުލް ހަރަމްގައި ޠަވާފުކުރުން މެދުކަނޑާލާފައި އޮތުމަށްފަހު އެތަނުގެ މަސައްކަތު މީހުނަށް އެފުރުސަތު ދީފިއެވެ.

ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން މާރިޗުމަހުގެ 21ވަނަ ދުވަހުން ފެށިގެން މައްކާގެ މަސްޖިދުލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައިވެސް ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ދެ މިސްކިތް ބަންދުކުރިއެވެ.

ދުވަސްތަކަށްފަހު މިދިޔަމަހުގެ 31 ވަނަދުވަހުގެ ފަތިސް ނަމާދާއި އެކު ނަބަވީ މިސްކިތް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ، އެހެންނަމަވެސް މައްކާގެ މަސްޖިދުލް ހަރަމް ހުޅުވަން އަދި ސައުދީ ސަރުކާރުން ނިންމާފައެއް ނުވެއެވެ.

މައްކާގެ ހަރަމްފުޅު އާއްމުކޮށް ނަމާދުކުރުމާއި ތޮވާފްކުރުމަށް ހުޅުވާ ނުލިނަމަވެސް އެތަނުގެ މަސައްކަތު މީހުންނާއި ތަނުގައި ސަމާލަތީ ކަންކަން ބަލަހައްޓާ ފަރާތަކަށް ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. ޠަވާފުކުރުން މިހާތަނަށް އޮތީ ބަންދުވެފައެވެ.

މިސްކިތް ސާފުކޮށް ބަލަހައްޓާ މަސައްކަތްތެރިންނަށް އަނެއްކާވެސް މި ވަނީ ބޮޑު އުފަލެއް ލިބިފައެވެ. މިސްކިތައް ޒިޔާރަތްކުރާ މީހުންނަށް ހިދުމަތް ދިނުމުގައި އަވަދިނެތި އުޅެން ޖެހުމުން ޠަވާފުކުރުމަށް ވަގުތު ނުލިބޭ މަސައްކަތްތެރިނަށް ޠަވާފުކުރުމުގެ ހުއްދަ ވަނީ ލިބިފައެވެ. އެއާއި އެކު ތަނުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސައްކަތު މީހުންވަނީ ޠަވާފްކޮށްފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް ކައުބާ ބަންދުކޮށްފައި އޮތުމުން މި އަހަރުގެ ހައްޖާއި މެދު އަދި ވަކިގޮތެއް ސައުދީ ސަރުކާރުން ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް ހައްޖުގެ އަޅުކަން ކުރިޔަށް ގެންދާނެ ގޮތަކާއި މެދު ކަމާއި ގުޅޭ އިދާރާތަކުން މަޝްވަރާކުރަމުން އަންނަކަމަށް ހަބަރުތައް ބުނެއެވެ. މިގޮތުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކޮށް ހައްޖުގެ އަޅުކަމަށް ހަރަމް ހުޅުވާލުމަށް ސައުދީ ސަރުކާރުން ވިސްނަމުން ގެންދާކަމަށްވެސް ހަބަރުތައް ބުނެއެވެ.