ޚަބަރު

ކޯވިޑް-19 މިއަދު ޕޮޒިޓިވްވީ 20 މީހުން


މިއަދު ރާއްޖޭގައި ކޯވިޑް-19އަށް 20 މީހުން ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 1962 އަށް އަރައިފިއެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ ދިވެހިންގެ 16 މީހަކާއި، ބަންގްލަދޭޝްގެ 4 މީހެކެވެ.

އެހެން ނަމަވެސް ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރު މިވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން ފަރުވާ ދެމުންދާ މީހުންގެ ޢަދަދު އެއް ހާހުން ދަށަށް ޖެހިލާފައިވަނީ އިއްޔެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުން އަންނަނީ 825 މީހަކަށެވެ. ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް މިދޔަ މަހު އިތުރުވަމުން އައިސް މި ޖޫން މަސް ފެށުނުފަހުން މިވަނީ ދަށަށްދާންފަށާފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު ފުރަބަންދާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މިހާރު މިވަނީ ލުއިތަކެއް ދޭންފަށާފައެވެ. އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ލުއިތަކެއް ދޭން ނިންމާ ފުރަތަމަ ފިޔަވަހީގެ ފިޔަވަޅުތައް އިޢުލާންކުރިތާ މާދަމާއަށް ދެހަފްތާ ހަމަވާނެއެވެ. ސަރުކާރުން ވަނީ ޕޮޒިޓިވްވާ ކޭސްތއް ދަށަށްދާނަމަ ދެވަނަ ފިޔަވަހީގެ ލުއިތައްވެސް ދޭނެކަމަށް ހާމަކުރައްވާފައެވެ. އެހެންކަމުން އިތުރަށްދޭ ލުއިތައް މާދަމާގެ ވަގުތެއްގައި އިޢުލާންކުރާނެކަމަށް ބެލެވެއެވެ.

އެންމެ ފުރަތަމަ ރާއްޖެިއިން ކޯވިޑް-19އަށް ޕޮޒިޓިވް ކޭހެއް ރެކޯޑްކުރެވިފައިވަނީ މާރޗްމަހުގެ 7ވަނަ ދުވަހުއެވެ. ނަމަވެސް މާލެ ސަރަޙައްދުން ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢުގެ ތެރެއަށް ބަލި ފެތުރިފައިވާ ޙާލަތެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. ޕޮޒިޓިވް ކޭހެއް ރާއްޖޭގައި ފެނުނުތާ މިހާރު މިވަނީ 95 ދުވަސް ފާއިތުވެފައެވެ.