ޚަބަރު

ޑީއާރުޕީން 1.1 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލަ އިސްތިއުނާފުކުރަން ފުރުސަތެއްނެތް


ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރްޕީން، އެމްޓީސީސީ އިން ހޯދާފައިވާ ޚިދުމަތްތަކުގެ އަގުގެ ގޮތުގައ ދަންކަންޖެހޭ 1.1 މލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރަން ފުރުސަތު ދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފި އެވެ.

ޑީއާރްޕީން ޖުމުލަ 1،111،438.96 (އެއްމިލިއަން އެއްލައްކަ އެގާރަހާސް ހަތަރު ސަތޭކަ ތިރީސްއަށް ރުފިޔާ ނުވަދިހަ ހަލާރި) އެމްޓީސީސީއަށް ދައްކަންޖެހެއެވެ.

މި ފައިސާ ހަ މަސްދުވަސް ތެރޭގައި ދެއްކުމަށް ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް އެދި ޑީއާރުޕީން ހައިކޯޓަށް ދިއުމުން އެ ކޯޓުން ވެސް ވަނީ ސިވިލްކޯޓުގެ ހުކުމަށް ތާއިދުކޮށްފައި އެވެ. އަދި ސުޕްރީމް ކޯޓަށް ހުށައެޅުމުން އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފުކުރުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމުމަށް އެމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އޮތީ ނިންމާފައެވެ. އެހެންވެ ސުޕްރީމް ކޯޓުން ބޭއްވި އިބްތިދާއީ އަޑުއެހުމަށްފަހު އިއްޔެ ނިންމީ ޑީއާރުޕީން އެމްޓީސީސީއަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް އެދި ހުށައަޅާފައިވާ ނުކުތާތަކަށް ބަލާއިރު އިސްތިއުނާފު ކުރަން ފުރުސަތު ދޭން ޖެހޭ ފަދަ ނުކުތާތަކެއް ހުށައަޅާފައިނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުން ނިންމެވީ މި މައްސަލައިގައި ޤާނޫނީ ބަހުސެއްއޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައި ނުވާތީ، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.