ޚަބަރު

އަންނަ ހަފްތާގައި 4 ދުވަހު ސަރުކާރު އޮފީސްތައް ހުޅުވާނެ


ސަރުކާރުގެ އޮސީސްތައް އަންހަފްތާގެ 4 ދުވަހު، ދުވާލަކު 4 ގަޑިއިރަށް ހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ،

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާނީ ޖޫން 14 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮފީސް ހުޅުވާ ގަޑިތަކަކީ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

ސަރުކާރުގެ އޮފީސްތައް ހަފުތާއަކު 4 ދުވަހު ހުޅުވާގޮތަށް ހަމަޖެއްސެވި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިނުލުމަށް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވާފައެވެ. މި މުއްދަތުގައި އޮފީސް ހުޅުވާނީ ވީހާވެސް މަދު މުވައްޒަފުން ހާޒިރުކޮށްގެން، ކޮންމެހެން ކުރާޖެހޭ މަސައްކަތައް ކުރުމަށެވެ. މިގޮތަށް އޮފީސް ހުޅުވައިގެން ކުރަން ހަމަޖައްސާ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އިސްވެރިޔާ ކަނޑައަޅުއްވަންޖެހޭނެކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

އަދި އިތުރަށް އޮފީސްހުޅުވައިގެން އިތުރު މަސައްކަތެއް ކުރަންޖެހޭނަމަ އެކަން އަންގާނީ އެ އިދާރާއެއްގެ ވަޒީރު ނުވަތަ އިސްވެރިޔާކަމަށް ރައީސްއޮފީހުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފްސީލްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއަށް ހުށައަޅައި، އެޗްޕީއޭގެ ގަވައިދުތަކާއި މިންގަނޑުތަކުގެތެރެއިން މަސައްކަތް ކުރިއަށްގެންދިއުމަށް ރައީސް އޮފީހުންވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައެވެ. އަދި އޮންލައިންކޮށް ކުރިއަށްގެންދެވޭ ހުރިހާ މަސައްކަތްތައް މުއައްޒަފުން ގޭގައި ބައިތިއްބައިގެން އޮންލައިންކޮށް ކުރިއަށްގެންދިއުމަށްވެސް ވަނީ އަންގާފައެވެ.