ވިޔަފާރި

އެސްޓީއޯ އޮތީ މާލީ ގޮތުން ރަނގަޅު ހާލަތެއްގައި


ކޯވިޑްއާ ގުޅިގެން ކުރިމަތިވި ގިނަ ގޮންޖެހުންތަކާއެކުވެސް ކުންފުނި އޮތީ މާލީ ގޮތުން ރަނގަޅު ހާލަތެއްގައި ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު މިހާދު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކުންފުންޏަށް ވާނެ ފައިދާ މިއަހަރު ދަށަށްދާނެ ކަމަށާއި އެހެން ނަމަވެސް ކުންފުންޏަށްވާ ގެއްލުން ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ވިޔަފާރިއަށް ކުރާނެ އަސަރުތަކަށް ތައްޔާރުވެ ކުރެވެން ހުރި މަސައްކަތްތައް ރާވާ އެކަންތައްތަކަށް ކުރިއާލާ ކުރަން ފެށުމުން އެސްޓީއޯގެ ދަށުން ހިނގާ ގިނަ ކުންފުނިތަކަށް ވަރަށް ބޮޑަށް ގެއްލުން ކުޑަ ކުރެވިފައިވާކަމަށެވެ.

މިހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ބޮޑު ފައިދާއެއް ހޯދުމަށް ނޫންކަމަށާއި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޙިދުމަތްތައް ހުއްޓުމެއް ނެތި ފޯރުކޮށްދެމުން ދިޔުމަށްކަމަށެވެ.

"ހޯވަރހެޑް ކިރިޔާ ކަވަރވާ ވަރު މިކުރަނީ ބޭސް ރާއްޖެއަށް އެތެރެކޮށްގެންވެސް، ދެން ހުރި ވިޔަފާރިތަކުން ސޭލްސްއަށް ވަރަށް ބޮޑު ޑްރޮޕެއް އަންނާނެ، ރާއްޖޭގެ އެހެން ވިޔަފާރިތަކަށް ކުރާ އަސަރުތައް ކުރާނެ އެސްޓީއޯގެ ވިޔަފާރިތަކަށްވެސް" މާހިދު ވިދާޅުވިއެވެ.

އެސްޓީއޯއަކީ ޒަރޫރީ ތަކެތިވެސް ވިއްކާ ކުންފުންޏަކަށްވުމުން ރާއްޖޭގެ އެހެން ވިޔަފާރިތަކާއި އަޅާ ބަލާއިރުވާ ގެއްލުން ކުޑަވާނެކަން މާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން މާހިދު ވިދާޅުވީ ބޭހާއި، ކާޑުގެ ބާވަތްތައް އަދި ތެލަކީ އިޤްތިސާދަށް ކުރާ އަސަރުތަކާއި އެކުވެސް އެޔަށް އޮންނަ ޑިމާންޑަށް ބަދަލެއް ނާންނާނެ ތަކެތިކަންވެސް މާހިދު ފާހަގަކުރެއްވިއެވެ.

ކޯވިޑްގެ ޙާލަތުގެ ކުރިންވެސް އެސްޓީއޯއިން އަޅާފައިވާ ފިޔަވަޅުތަކުގެ ފައިދާ ފެންނަމުންދާކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ކާޑުގެވެސް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށާއި އާއްމުކޮށް ރާއްޖެއަށް ބޭސް ގެންނަ ވަރަށްވުރެ އިތުރަށް ބޭސް ގެނެސްފައި ހުރުމުން އެކަމުގައިވެސް ދައްޗެއް ކުރިމަތިވެފައިނުވާކަމަށް އެސްޓީއޯއިން ބުނެއެވެ.