މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގެ ޤައުމުތަކުގެ ފަތުރުވެރިންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވޭ މަންޒިލަކީ ރާއްޖެކަމަށް ސަރވޭއަކުން ދައްކައިފިއެވެ.
ބައިނަލްއަޤްވާމީ މަރކެޓިންގ އަދި ޕީއާރު އެޖެންސީއެއްކަމަށްވާ އޭވިއާރެޕްސްއިން ކުރިއަށްގެންދިޔަ ސަރވޭގައިވަނީ މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ 94 ޓެރެވަލް އެޖެންސީއެއް ބައިވެރިވެފައެވެ.
މި ސަރވޭގައި ބައިވެރިވެފައިވާ ޓްރެވަލް އެޖެންސީތަކުން ބުނެފައިވަނީ މިއަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރު މަސްތެރޭ ޤައުމުން ބޭރަށް ޗުއްޓީހޭދަކުރަންދާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިއާއެކު ޓްރެވަލް އެޖެންސީތަކުން އަންނަމަހުން ފެށިގެން ދަތުރުތަކާއި ގުޅޭ ޕްރޮމޯޝަންތައް އިޝްތިހާރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެގޮތުން ޓެރެވަލް ޕެކޭޖުތައް ތައްޔާރުކުރާއިރު ދަތުރަށްދާނެ ހަރަދާއި، އެމަންޒިލުގައި ޗުއްޓޫހޭދަކުރަން މަޑުކުރާ ތަނަކަށް ދާނެ ޙަރަދާއި އަދި ޓުއަރތަކަށް ދިޔުމަށް ދާނެ ޙަރަދުތައް ހިމެނޭނެ ކަމަށް ޓްރެވަލް އެޖެންޓުން ބުނެފައިވެއެވެ.
ފަތުރުވެރިންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުވާނެ ކަމަށް ޓްރެވަލް އެޖެންޓުން ލަފާކުރާ 10 ޤައުމެއްގެ ލިސްޓެއްވެސް ވަނީ އެކުލަވާލާފައެވެ. އެގޮތުން މިލިސްޓުގެ އެއްވަނަ އަށް ރާއްޖެ އައިސްފައިވާއިރު، ދެވަނައަށް ހޮވިފައިވަނީ އަޒަރުބައިޖާންއެވެ. ތިންވަނަ އަށް އައިސްފައިވަނީ ތުރުކީއެވެ.
ކުރިން ހަދާފައިވާ ބުކިންގްސްތައް ކޯވިޑް-19 އާއި ގުޅިގެން ކެންސަލްކޮށްފައިވާ މިންވަރު މަދުކަން މި ސަރވޭއިންވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ގިނަ ފަތުރުވެރިން ދެން ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ބަދަލުތަކަކަށް ބަލާފައި ޗުއްޓީ ކެންސަލް ކުރަން މަޑުކޮށްގެންތިބިކަމަށް އޭވިއާރެޕްސްއިން ބުނެއެވެ.
މިދިޔަ މަހުގެތެރޭ ކުރިއަށްގެންދިޔަ މި ސަރވޭގައި ސައުދީ އަރަބިއްޔާގެ 24 އެޖެންސީއަކާއި، ޔޫއޭއީގެ 21 އެޖެންސީއެއް، ބަހްރެއިންގެ 21 އެޖެންސީއެއް، ޤަތަރުގެ 11 އެޖެންސީއެއް، ކުވެއިތުގެ 11 އެޖެންސީއެއްގެ އިތުރުން އޮމާން 7 ޓްރެވަލް އެޖެންސީއަކުން ބައިވެރިވެފައިވެއެވެ.
ހުސްވި އަހަރުގެތެރޭ މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް 60003 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2018ވަނަ އަހަރާއި އަޅާބަލާއިރު 15.1 އިންސައްތަ އިތުރު އަދަދެކެވެ. މެދު އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކަކީ ސައުދީ އަރަބިޔާ، ޔޫއޭއީ އަދި ކުވޭތެވެ.