ޚަބަރު

ރާއްޖެ ނާދެވިފައި ތިބި 4000 ދިވެހިން ގެނެސްފި


ކޯވިޑް-19އާ ގުޅިގެން ބޭރުގެ ޤައުމުތަކުގައި ރާއްޖެއަށް ނާދެވިފައިތިބި ދިވެހިން ގެނައުމަށް މިހާތަނަށް 38 ދަތުރުކޮށް، 4000 ދިވެހިން ރާއްޖެއަށް ގެނެސްފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް ގައުންޑް އޮޕްރޭޝަންސް އަޙްމަދު އިބްރާހިމް ވިދާޅުވީ ފޮރިން މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން ނުފުރިފައި ތިބި މީހުންނާއި ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ރާއްޖެއަށް ގެނައުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ.

" މާލެއަށް މިހާރު ގެނެވިއްޖެ 4000 މީހުން ރާއްޖެއިން ބޭރުން އެކި ތަންތަނުން، އެއީ 38 ފްލައިޓެއްގައި، އޭގެތެރޭގައި ބައެއް ފަހަރު ބޭނުންކޮށްފައި ހުންނާނެ، ކާގޯ ފްލައިޓުތައް ރިޓަރންވީއިރު މީހުންނާއެއްކޮށް އައިސްފައި، " އިބްރާހިމް ވިދާޅުވިއެވެ.

އަޙްމަދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް ބާއްވަމުންދާ ދަތުރުތަކުގައި މިހާތަނަށް 11 ފްލައިޓެއްގައި 1094 މީހުން އަނބުރާ ޤައުމަށް ފުރުވާލާފފައިވާކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު 160 އެއްހާ އިންޑިއާ މީހުންވެސް އަނބުރާ ޤައުމަށް ގެންދިޔުމަށް ދަތުރުތައް ބާއްވާފައިވާކަން އިބްރާހިމް ފާހަގަކުރެއްވިއެވެ.

ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ އިތުރުން، މޯލްޑިވިއަނުން ދަނީ ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށްޓަކައި ޚާއްސަ ކާގޯ ފްލައިޓްތަކެއްވެސް ބާއްވަމުންނެވެ. މިގޮތުން މިހާތަނަށް 700 ޓަނުގެ މުދާ އެކި ޤައުމުތަކުން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ވަނީ ގެނެސްފައެވެ.