ޚަބަރު

މަޖިލިސް: މިއަހަރު ފުރަތަމަ ދައުރުގައި 42 ޖަލްސާ، ގިނަ މަސައްކަތް ނިންމުނު - ރައީސް ނަޝީދު


ކޯވިޑް-19ގެ ޙާލަތާ އެކުވެސް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި 42 ޖަލްސާއެއް ބާއްވައި، މަޖިލީހަށް ހުށަހެޅި މަަސައްކަތްތަކުގެ ތެރެއިން ބޮޑުބައެއް ފުރިހަމަ ކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ބާއްވާފައިވަނީ ފެބްރުއަރީ މަހުން ފެށިގެން ޖޫންމަހާ ހަމަޔަށްކަމަށެވެ. އަދި މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ޗުއްޓީއަކާއި ނުލައި ކުރިއަށް ގެންދިއުމަށް މެމްބަރުން ނިންމެވުމާ ގުޅިގެން މަޖިލީހުގައި ހުރި މަސައްކަތްތައް ނިންމާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވީނަމަވެސް މެމްބަރުންނާއި، އިދަރީ މުވައްޒިފުންގެ އެއްބާރުލުމާއެކު މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ނިންމުމަށް މަސައްކަތްކުރައްވާނެ ބިލްތަކަކީ އެންމެކުޑައުޖޫރަ ކަނޑައެލުމުގެ ބިލާއި، ވަޒީފާ ހޯދާ ފަރާތްތަކަށް ޢިނާޔަތެއް ދިނުމުގެ ބިލާއި، ފުލުހުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ އިތުރުން ތައުލީމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްކަމަށެވެ. އަދި މި 4 ބިލަކީ މެމްބަރުންގެވެސް އެންމެބޮޑު ޝައުގުވެރިކަމެއް އޮވެ، ނިންމުމަށް މަސައްކަތް ކުރައްވަމުންދާ ބިލްތައްކަމަށް، މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ކުރެވުނު މަސައްކަތްތައް

  • 42 ޖަލްސާއެއް ބާއްވާފައިވޭ
  • 13 ބިލެއް ހުށަހަޅައި، ކުރީދައުރުގެ 41 ބިލުގެ މަސައްކަތް ކުރި، ނިންމިފައިވަނީ 4 ބިލެއް
  • ކުރީ ދައުރުގެ 15 ޤަރާރު ހުށަހެޅި، 13 ޤަރާރު އަލަށް ހުށަހެޅި، ނިންމިފައިވަނީ 8 ޤަރާރު
  • 12 މައްސަލައެއް މިދިޔަ ދައުރުގައި ސަރުކާރުން ހުށަހެޅި، 9 މައްސަލަވަނީ ނިންމިފައި
  • 13 މައްސަލައެއް ރިޔާސަތުން ހުށަހެޅި، ނިންމިފައިވަނީ 5 މައްސަލަ
  • 6 މައްސަލައެއް ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅި، ހުރިހާ މައްސަލައެއްގެ މަސައްކަތް ވަނީ ނިމިފައި
  • 1 މައްސަލައެއް މެމްބަރުން ހުށަހަޅައި، އެމައްސަލައިގެ މަސައްކަތް ވަނީ ނިމިފައި
  • 20 ރިޕޯޓެއްގެ މަސައްކަތްކޮށް، 11 ރިޕޯޓެއްގެ މަސައްކަތް ވަނީ ނިންމާފައި
  • 26 ސުވާލެއް ވަޒީރުންނާއި ކުރަން ހުށަހެޅި، 15 ސުވާލެއް ވަނީ ނިމިފައި

މަޖިލީހުގެ ރައީސް ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއެކުވެސް މަޖިލީހުގެ މަސައްކަތް ނިންމުމަށް މެމްބަރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައާއި، ވާޗުއަލްކޮށް ގެންދިޔަ ޖަލްސާތަކުގައިވެސް ދަތިތަކެއް ކުރިމަތިވިޔަސް މެމްބަރުންގެ އެއްބާރުލުން ވަރަށްބޮޑަށް ލިބިގެންދިޔަކަން މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.