ޚަބަރު

ދޮށީ އުމުރުގެ މީހުންނަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ޖެންޑަރ މިނިސްޓަރ ގޮވާލައްވައިފި


ދޮށީ އުމުރުގެ މީހުންނަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް، އެ ފަރާތްތަކުގެ ބައިވެރިވުމާއި، ދުޅަހެޔޮކަން އިތުރު ކުރުމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި ޖެންޑަރ މިނިސްޓަރ ކުރެއްވި ޓުވީޓްގައި ވަނީ މުޖުތަމަޢުގައި ދޮށީ އުމުރުގެ މީހުންގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދޮށީ އުމުރުގެ މީހުންނަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް، އެ ފަރާތްތަކުގެ ބައިވެރިވުމާއި، ދުޅަހެޔޮކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއަކަށް ހެދުމަށްވެސް މިނިސްޓަރ ވަނީ ގޮވާލަށްވާފައެވެ. މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް އަނިޔާވިޔަ ނުދިނުމަށްވެސް ޖެންޑަރ މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

ޖެންޑަރ މިނިސްޓްރީން ކުރެއްވި ޓުވީޓް

ޖެންޑަރ މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ 39 މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވެއެވެ. މިއަހަރު އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ މަހުއެވެ. އެއީ 20 މައްސަލައެވެ. މާލެ ފުރަބަންދަށް ދިއުމަށްފަހު މައްސަލަ ހުށަހެޅި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިދިޔަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ 83 މައްސަލަ ވަނީ ހުށަހަޅާފައެވެ. 2019 ވަނަ އަހަރު އެންމެ ގިނައިން މިފަދަ މައްސަލަ ހުށަހަޅާފައިވަނީ ފެބުރުއަރީ މަހުއެވެ. އެމަހުގައި 16 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މިއަހަރު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 59 އިންސައްތަ މައްސަލައަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ފިރިހެނުންނަށް ކޮށްފައިވާ އަނިޔާގެ މައްސަލައެވެ. މިދިޔަ އަހަރު މިނިސްބަތް ހުރީ 62.7 އިންސައްތައިގައެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި ބަލަމުންދާ ފަރާތްތަކުގެ ތަފާސް ހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މި ތަފާސް ހިސާބުތައް ދައްކާގޮތުން އެފަދަ ތަންތަނުގައި ބަލަހައްޓަމުންދާ މީހުންގެތެރެއިން، މިއަހަރު ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބިފައިވާ މީހުންގެ އަދަދު ފެންނަނީ ހަމަހަމަކޮށް 50 އިންސައްތާގައެވެ.