ޚަބަރު

ކޯވިޑް-19 : ޒަކާތު ފަންޑުން 5.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފި - އިސްލާމިކް މިނިސްޓަރ


ކޯވިޑް-19ގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ފަންޑުން 5 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚާރަދުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވަނީ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް ހާމަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ދިމާވާ ކަންކަމަށް އެހީތެރިވުމަށް ޒަކާތު ކޮމިޓީގެ މަޝްވަރާއާއެކު ޒަކާތު ފަންޑުން 15 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި މިހާތަނަށް ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ ދިވެހިންނަށް އެހީތެރިވުމަށްޓަކައި 3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވަގުތީ ބޯހިޔާވަހިތަކުގައި ތިބި މީހުންނަށް ކެއުންބުއިމަށް އެހީތެރި ވުމަށްޓަކައި މިހާތަނަށް ޒަކާތު ފަންޑުން ވަނީ 1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ކޯވިޑް-19ގެ ސަބަބުން ޤުރުއާން ކްލާސްތައް ހިންގާ ފަރާތްތަކާއި ޕްރީ ސްކޫލްތައް ހިންގާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް އެހީވުމުގެ ގޮތުން 1.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"ކޯވިޑް-19ގެ ސަބަބުން ގެދޮރު ކުލި ނުދެއްކޭ، ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށްޓަކައި ޒަކާތު ފަންޑުން އެހީގެ ގޮތުގައި ފޯރުކޮށްދެވޭނެ އެހީއާމެދު މަޝްވަރާ ކުރަމުން މިދަނީ. ކުރިއަށްއޮތް ތަނުގައިވެސް ޙާލުގައިޖެހޭ މީހުންނަށް ޒަކާތުފަންޑުން އެހީ ވެވެން އޮތް މިންވަރަކަށް އެހީ ފޯރުކޮށްދެމުން ދާނީ." އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ޒަކާތު ފަންޑުން ގެންދަނީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ހާލުގައިޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކިޔެވުމުގެ ފުރުޞަތު ދިނުމުގެ އިތުރުން ބޭސްފަރުވާއަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރު ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.