ޚަބަރު

ޖިންސީ ފުރައްސާރަކުރުމުގެ ޤާނޫނުގެ ދަށުން 6 އަހަރުތެރޭ ހުށަހެޅުނީ އެންމެ މައްސަލައެއް


ޖިންސީ ފުރައްސާކުރުން، ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވިތާ 6 އަހަރުގެ ތެރޭގައި ހުށަހެޅިފައިވަނީ އެންމެ މައްސަލައެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކި ދާއިރާތަކުގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެނެސް، ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކުގައި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރު ހުށަހަޅުއްވާ ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ޤާނޫނުތަކުން ހަމަހަމަ ފުރުސަތު ދީފައިވީނަމަވެސް ތަންފީޒު ވަމުންދާތަން ނުފެންކަމަށެވެ.

އަންހެނުންނަށް ކުރިއަރައި ދިއުމުގައި ހުރި ހުރަސްތަކަކީ ކޮބައިކަން މަޖިލީހުން ޕާލިމަންޓަރީ އިންކުއަރީއެއް އެކުލަވާލުމުގެ ބޭނުމަކީ ލިޔެކިޔުމާއި އަސްލާދޭތެރޭގައި ހުރި މައްސަލަތައް ދެނެގަނެ، ޤާނޫނުތަންފީޒު ކުރުމުގައި ފާރަވެރިވާނެ ބަޔަކު ކަނޑައެޅުންކަމަށެވެ. މިމަސައްކަތް ކުރުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކުން މައުލޫމާތުތަކެއް އެއްކޮށްފައިވާއިރު، ބައެއް އިދާރާތަކުން މައުލޫމާތު ފޯރުކޮށްދީފައި ނުވާކަމަށް އީވާ ވިދާޅުވިއެވެ. އެގޮތުން މަދަނީ ކޯޓުން މިކަމުގައި ބޭނުންވެގެން ހުށަހެޅި މައުލޫމާތު ފޯރުކޮށްދީފައިނުވާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ލިބިފައިވާ ތަފާސް ހިސާބުތަކުން ޤާނޫނުތައް ތަންފީޒު ކުރުމުގައި މަސައްކަތް ކުރެވިފައިވާ މިންވަރު ހާމަވާކަމަށެވެ.

"އަންހެނުންނަށް އަނިޔާކޮށް، ބޮޑެތި އަނިޔާތަކެއްދީ ހޭނައްތާލާވަރު ކުރިޔަސް 200 ރުފިޔާއިން ޖޫރިމަނާކޮށްފާނެ. މިއީ ބަލައިގަނެވޭނެކަމެއްނޫން. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ކޯޓުތަކުން މިކަންކަން ސާބިތުކުރަން ބޭނުންވާނަމަ ކުރެވޭނެކަން. އެބޭފުޅުން ބޭނުންނުވަނީ މިކަންކަން ސާބިތުކުރަން" އީވާ ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ޤާނޫނު ތަންފީޒުކޮށްފައިވާ މިންވަރު:


- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކޯޓަށް ހުށަހެޅިފައިވަނީ 18 މައްސަލަ، އޭގެ ތެރެއިން ސާބިތުވެފައިވަނީ 4 މައްސަލަ
- ޖިންސީ ފުރައްސާކުރުން، ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވިތާ 6 އަހަރުތެރޭގައި ހުށަހެޅުނީ 1 މައްސަލަ
- ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅުނު 236 މައްސަލައިގެ ތެރެއިން ސާބިތުވެފައިވަނީ 97 މައްސަލަ
- ޖެންޑާ އިކުއަލިޓީ ގާނޫނޫގެ ދަށުން 4 އަހަރުތެރޭގައި އެންމެ މައްސަލައެއްވެސް ކޯޓަށް ހުށަހެޅިފައެއްނުވެއެވެ.

އީވާ ވިދާޅުވީ މިހިސާބުތަކުން ޤާނޫނުތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، ހުރި ތަފާތުކުރުންތައް ވަރަށްބޮޑަށް ފެންނަމުންދާކަމަށެވެ. ޤާނޫނީގޮތުން އަންހެނުންނާ މެދު ހަމަހަމަ ފުރުސަތު ލިބިދީފައިވީނަމަވެސް މިކަން ނުވެދަނީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އެކަށީގެންވާ އިޖާބައެއް ނުދޭތީކަމަށްވެސް އީވާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ތަންފީޒީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގައި ތަފާތުކުރުންތައް އޮތްކަން ތަފާސް ހިސާބުތަކުން ފެންނަކަމަށެވެ. މިފަރަގު ކުޑަކުރުމަކީ މިއަދު ރާއްޖެ ކުރިއަރަމުންދާ ގޮތާއި، އަންހެނުންގެ ދައުރަށް ބަލާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޖީހާން ވިދާޅުވިއެވެ.

އަންހެނުންނާއި ފިރިހެނުންނާއި، ހުރި ތަފާތުތައް:


- މުސާރައިގެ ގޮތުގައި ފިރިހެނެއްގެ ބޮލަކަށް 15000 ރުފިޔާޖެހޭއިރު، އަންހެނެއްގެ ބޮލަކަށް ޖެހެނީ 7000 ރުފިޔާ
- ގަދަރުވެރި މަސައްކަތްކުރާ ފިރިހެނުންގެ ނިސްބަތް %75، އަންހެނުންގެ ނިސްބަތަކީ %40
( 18% ފަރަގެއް އުޅޭ)
- ނުކުޅެދުންތެރިކަން ހުންނަ 7.3 އިންސައްތައަކީ އަންހެނުން، ފިރިހެނުންނަކީ 6.2 އިންސައްތަ، އެހެންނަމަވެސް ޑިސްއެބިލިޓީ އެލަވަންސް ލިބެނީ %19 އަންހެންނަށް، %34 ފިހެނުންނަށް

ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 49 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއްގެނެސް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި އަންހެނުންގެ ފުރިހަމަ ހިއްސާ ޤައުމީ ތަރައްޤީގައި އޮތުމަކީ ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއްކަމުގައި ވީހިނދު، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ މުހިންމުކަމެއްކަމަށް މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވެފައިވެއެވެ.