ޚަބަރު

ފުލުހުންގެ ބިލާއެކު އިތުރު 4 ބިލަކަށް މަޖިލީހުގައި އާންމުންގެ ޚިޔާލު ހޯދުން މުހިންމު


ރައްޔިތުންގެ މަޖިލީހުގައި ހުރި މަސައްކަތްތަކުގެ ތެރެއިން މުހިންމު 5 ބިލަކަށް ފުޅާދާއިރާއެއްގައި އާންމުންގެ ޚިޔާލު ހޯދަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ މިދައުރުގެ ތެރޭގައިވެސް މުހިންމު ގިނަ މަސައްކަތްތަކެއް ހުރިކަމަށެވެ. އޭގެ ތެރެއިންވެސް ވަރަށް އިސްކަމެއްދެއްވައިގެން އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ނިންމަންޖެހޭ 5 ބިލެއްގެ މަސައްކަތް މަޖިލީހުގެ ރައީސްވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގައި އާންމުންގެ ޚިޔާލު ހޯދަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ބިލުތައް:


- ފުލުހުންގެ ބިލު
- މިނިމަމްވޭޖް ބިލު
- މަތީ ތައުލީމާއި، ތައުލީމުގެ ބިލު
- ބޯހިޔާވަހިކަމާއި، އެންމެދު އިމާރާތުގެ ބިލު
- އިންތިޤާލީ އިންސާފުގެ ބިލު

މަޖިލީހުގެ ރައީސް ވިދާޅުވީ މިބިލުތަކަކީ އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ފުޅާދާއިރާއެއްގައި ހޯދަންޖެހޭ ބިލުތަކެއްކަމަށެވެ. މިމަސައްކަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް މިހާރު ޖާގަ އޮތްކަން ފާހަގަކޮށް، މަޖިލީހުގެ ރައީސް ވިދާޅުވީ މިފަދަ މަޝްވަރާތައް ހޯދައި، ޕެނަލް ޑިސްކަޝަންތައް މަޖިލީހުގެ ތެރޭގައި ބޭއްވުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ވަކިވަކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލުވެސް މިބިލުތަކަށް ހޯދުމަކީ މުހިންމުކަމެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

"މަޖިލީހުގައި މިއަދު ޖާގަ އެބައޮތް. އާއިމާރާތްވެސް ނިމި އެހެރީ ބޭނުންކުރެވޭގޮތަށް. އަޅުގަނޑުމެންނަށް އެތަނުގައި ޕެނަލްޑިސްކަޝަން ކުރިއަށްގެންދެވޭނެ. އެތަނުގައި ޚިޔާލުފާޅުކުރެވޭނެ. ފުލުހުންގެ ބިލާއި، ބޯހިޔާވަހިކަމުގެ ބިލާއި، އިންތިޤާލީ އިންސާފުގެ ބިލަކީ އާންމު ރައްޔިތުންގެ ޚިޔާލާއެކު އަޅުގަނޑުމެން އެކުލަވާލަންޖެހޭ ބިލުތައް. ރާއްޖޭގައި އިންސާފް ޤާއިމްކުރުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ މުހިންމު" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ފަސްބިލަށް އިޝާރާތް ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިބިލުތަކަށް ޚިޔާލު ހޯދާއިރު، މަޖިލީހުގައި ޕެނަލް ޑިސްކަޝަން ބާއްވައި، އެތަނުގައި ޚިޔާލް ފާޅުކުރުމަކީ ބޭނުންތެރިކަމެއްކަމަށެވެ. އަދި ބައެއް ބިލުތަކަށް މަޝްވަރާކުރާއިރު އެދާއިރާތަކުގައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުންނާއި، ލެކްޗަރަރއިންގެ ޚިޔާލު ހޯދުމަކީ ކުރެވިދާނެކަމެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް އާންމުން ހުށަހަޅާ ސިޓީތަކާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ވަނީ އެސިޓީތަކުގެ ބޭނުން ހިފޭނެ ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް ކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެފައެވެ. ބައެއް ސިޓީތަކަކީ މަޖިލީހުގައި މިހާރުވެސް ކުރެވެމުންދާ މަސައްކަތްތަކާއި، ބިލުތަކާއި، ގުޅުންހުރި ޚިޔާލު ހިމެނޭ ސިޓީތަކަށްވުމުން، ބިލު ދިރާސާކުރައްވާ ކޮމިޓީއަކުން އެސިޓީތަކުގެ ބޭނުން ކުރުމަކީވެސް މުހިންމުކަމެއްކަމަށެވެ.

"މަޖިލީހުގައި މިހާރުވެސް އެބަހުރި ވަރަށްގިނަ އަދަދެއްގެ ސިޓީލިބިފަ. އަޅުގަނޑު އެދެނީވެސް އާންމުން މި މަޖިލީހަށް އާންމުންގެ ކަންބޮޑުވުންތައް ފޮނުވުމަށް. ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މިހާރުވެސް އެބައޮތް 18 ސިޓީ. މަޖިލީހުގައި ހުށަހެޅިފައިވާ ސިޓީތަކުގެ ތެރޭގައި އެކި ދާއިރާތަކުގެ ޚިޔާލުތަކާއި، ކަންބޮޑުވުން ހުރި ސިޓީތައް ހިމެނޭ. އޭގެތެރޭގައި، ޝިޕިން އަދި މެރިޓައިމާއި ގުޅޭ މައްސަލަތައް، އަތޮޅުތެރޭގެ ދަތުރުތަކާއިގުޅޭ ސިޓީތައް، ބޯހިޔާވަހިކަމާއި ގުޅުންހުރި ސިޓީތައް ހިމެނޭ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ސިޓީތަކަކީ ބޭނުންތެރި ސިޓީތަކެއްކަން ފާހަގަކޮށް މަޖިލީހުގެ ރައީސްވަނީ މި ސިޓީތައް މަޖިލީހުގެ ކޮމިޓީތަކުގައި ބޭނުންކުރެވޭ ގޮތަކަށް އިދާރީ މުވައްޒިފުންނާއި ވާހަކަ ދައްކައިގެން އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.