ކުޅިވަރު

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ފޯކައިދޫއަށް


މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ފޯކައިދޫ ޓީމް ކާމިޔާބުކޮށްފިއެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު ފޯކައިދޫގައި މިއަދު ހަވީރު ފެށި މުބާރާތުގެ ފުރަތަމަ މެޗު އެޓީމް ކާމިޔާބުކުރީ މިލަންދޫ ފުޓްބޯޅަ ކްލަބާއި ވާދަކޮށް ތިން ލަނޑު ސުން ލަނޑުންނެވެ. މެޗުގައި ފޯކައިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް މުޝީރު، އަބުދުﷲ ޞާދިޤް އަދި އަބުދުﷲ ހާނިމްއެވެ. މުބާރާތް ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އަހުމަދު ޘުހޫރާއި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން މުޙައްމަދު ޝަވީދެވެ.މެޗު ބެލުމަށް ފޯކައިދޫގެ އިތުރުން މިލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ފޯކައިދޫއަށް ގޮސް ޓީމަށް ހިތްވަރުދީފައެވެ. މެޗު ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްއިން ވަނީ ވަގުތުން ދައްކާފައެވެ. މުބާރާތުގެ ބްރޯޑްކާސްޓިންގ ޕާރޓްނަރަކީ ޕީ.އެސް.އެމްއެވެ. ހަތް ދިހަ ހަތަރު ރަށުގެ ހަތްދިހަ ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގެ މެޗުތައް ކުޅޭނީ ހަފްތާ ބަންދުގައެވެ. ކުރިއަށް އޮތް ހަފްތާ ބަންދުގައި އެހެން އަތޮޅުތަކުގެ މެޗުތައްވެސް ކުޅެން ފަށާނެއެވެ. މުބާރާތް ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުޞޫލުންނެވެ. ޒޯން ޗެމްޕިއަނުން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ ކުޅުދުއްފުއްޓާއި، އައްޑޫ ސިޓީގައެވެ. ސެމީފައިނަލާއި ފައިނަލް ކުޅޭނީ އައްޑޫ ސިޓީގައެވެ. ފައިސާގެ ރަނގަޅު އިނާމްތަކަކާއެކު ކުރިއަށްގެންދާ މިމުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ދެމިގެންދާ މުބާރާތެވެ. މުބާރާތް ނިމޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ޤައުމީ މުބާރާތުންވެސް ފުރުޞަތު ލިބޭނެއެވެ.މިމުބާރާތުގެ ބައެއް މެޗުތައް ޓީވީ މޯލްޑިވްސްއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.