ޚަބަރު

ފުލުހުންގެ ބިލު ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް


ފުލުހުންގެ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ބިލު ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މިބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 71 މެމްބަރުންގެ ވޯޓުންނެވެ. ބިލުގެ ބަހުސްގެ މަރުހަލާގައި މިބިލް ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގަދަރުވެރި، އަދި ޝަރަފްވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުގެ ފުޅެއްކަމަށެވެ.

ބިލްގައި ހުރި މައިގަނޑު ބައިތަކަށް ބަލާއިރު ފުލުހުންނަށް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ހުށަހެޅިފައިވެއެވެ. އެގޮތުން ފުލުހުން އިންތިޒާމްވާނެ ގޮތާއި، ފުލުހުންގެ އޮނިގަނޑު އެކުލަވާލާނެގޮތާއި، ރޭންކްތައް ރެކްރޫޓްވާނެ ގޮތާއި، ބާރުތަކާއި މަސްއޫލިއްޔަތުތައް ބެހިގެންދާނެ ގޮތާއި، އަޚުލާގާއި ސުލޫކު ބަޔާންކުރުމާއި، ތަމްރީނާއި ތައުލީމް ލިބިފައިވާ މިންވަރު ބެލުމާއި، ފުލުހުންގެ އިސްމަގާމުތަކުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަސައްކަތުގެ ދާއިރާގައި ފުލުހުން ތަންތަނަށް ވަނުމާއި، ބަލާ ފާސްކުރުމާއި، އަމަން ނަގާލައި ހަމަނުޖެހުން ހިންގާއިރު އަމަލުކުރާނެ ގޮތްތައްވެސް ކަނޑައަޅާފައިވެއެވެ. އަދި ފުލުހުންނާއިމެދު އިސްލާހީ ފިޔަވަޅު އެޅޭނެގޮތާއި، ފުލުހުންނަށް ދޭނެ އިނާޔަތްތައްވެސް ބަޔާންކޮށް، ފުލުހުން ކުރާނެ ކުށްތައް ބަލައި ތަހުގީގް ކުރާނެ އޮނިގަޑެއްވެސް މިބިލްގެ ތެރެއިން އެކުލެވިގެންދާނެއެވެ.

ބިލުގައި ހިމެނުމަށް މުހިންމު ގިނަ ކަންތައްތަކާ ބެހޭގޮތުން މެމްބަރުންގެ މެދުގައިވަނީ މަޝްވަރާކުރެވިފައެވެ.

ފުލުހުންގެ ބިލުގައި ހިމެނޭ މުހިންމު ބައެއް ކަންތައްތައް:


- ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް އަމަލުކުރާ ފުލުހުންނަށާއި، ނަހަމަގޮތުގައި ފުލުހުންގެ ނާޖައިޒް ބޭނުންތައް ކުރާ ފުލުހުންނާމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުން.
- މާލޭގެ އިތުރުން ފުުލުހުންގެ އިދާރާ ލާމަރުކަޒީ އުސޫލުން ހިންގާނެ 7 ސަރަހަދެއް ކަނޑައެޅުން.
- ކޮންމެ ސަރަހައްދެއްގައި ރީޖަނަލް ޕޮލިސް ކޮމިޝަނަރެއް (ޑެޕިއުޓީ ކޮމިޝަނަރގެ ލެވެލްގައި) ކަނޑައެޅުން.
- ކޮންމެ ސަރަހައްދެއްގައިވެސް ހިނގާ ކަންކަން އެސަރަހައްދެއްގެ ރީޖަނަލް ކޮމިޝަނުން ބަލައި ފިޔަވަޅު އަޅައި ތަންފީޒުކުރާނެ ގޮތްތަކެއް އެސަރަހައްދުގައި ކަނޑައެޅުން.
- ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކޮށް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ 7 މެމްބަރުންގެ ބޯޑެއް އެކުލަވާލުން.
- ފުލުހުން ކުރާ ކުށް ތަޙްގީގް ފުލުހުންގެ ތެރޭގައި ކުުރުމުގެ ބަދަލުގައި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބެލުން.
- ފުލުހުން ރެގިއުލޭޓްކުރާ ޤަވާއިދު ހޯމް މިނިސްޓްރީން ހެދުން.
- ފުލުހުންގެ މަސައްކަތުގައި ހަތިޔާރުގެ ތެރޭގައި ލީތަލްވެޕަން ބޭނުން ނުކުރެވޭގޮތް ހެދުން.

ފުލުހުންގެ ބިލް މަޖިލީހުން ދިރާސާކުރާއިރު އާންމު ރައްޔިތުންގެ ޚިޔާލު ފުޅާދާއިރާއެއްގައި ހޯދައި، ފުލުހުންގެ ކުރީގެ އިސްބޭފުޅުންނާއި، ތަޖުރިބާކާރުންގެ ލަފާގެ މަތީން ޚާއްސަ ޕެނަލް ޑިސްކަޝަންތަކެއް ބޭއްވުމަށްވެސް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.