ޚަބަރު

މިނިވަން ކޮމިޝަންތަކަށް ހަމަހަމަ ފުރުސަތުލިބޭ ގޮތަށް ޤާނޫނަށް ބަދަލު ގެންނަންޖެހޭ


މިނިވަން ކޮމިޝަންތަކާއި، ސިވިލްސަރވިސްގެ އިސް މަޤާމުތަކަށްވެސް ހަމަހަމަ ކަމާއެކު އަންހެނުންނަށް ފުރުސަތުލިބޭނެ ގޮތަކަށް ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މުޖުތަމައުގައި އަންހެނުންނަށް ކުރެވޭ އަނިޔާތަކާއި އަދި ޤާނޫނާއި ޤަވާއިދުގެ ތެރެއިން އަންހެނުންނަށް ކުރިއަރައި ދިއުމުގައި ހުރި ހުރަސްތަކަކީ ކޮބައިކަން ބެލުމަށް މަޖިލީހުން ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ހުށަހަޅާފައިވާ ޤަރާރަށް ބަހުސްކުރައްވަމުން ރޮޒައިނާ ވިދާޅުވީ އަންހެނުންނާއި، ފިރިހެނުންނާއި ދެމެދުވާ ފަރަގުތައް ކުޑަކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފުގައިވެސް ކުރެވިފައިވާކަމަށެވެ.

އެގޮތުން ލާމަރުކަޒީ ޤާނޫނުން އަންހެނުންނަށް ކައުންސިލްތަކުގެ %33 އިންސައްތަ ދޭގޮތަށް ޤާނޫނަށް ބަދަލު ގެނައުމާއި، ކެބިނެޓުގައި ހިމެނޭ އަންހެނުންގެ އަދަދުވެސް އިތުރުކޮށްފައިވާކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މީގެކުރިން 1000 ކައުންސިލަރުން އައްޔަންކުރެވޭއިރު ކައުންސިލްތަކަށް 60 އަންހެން ބޭފުޅުންނަށްވެސް ފުރުސަތުނުލިބޭކަމީ ހިތާމަކުރައްވާކަމެއްކަމަށާއި ޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު އަންހެނުންނަށް މިކަމުގައި އޮތް ހަނިފުރުސަތު ނެތިގެންދާނެކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ހަމަހަމަ ފުރުސަތު ފަހިކުރުމަށްޓަކައި އަދިވެސް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަމަށެވެ. އެގޮތުން ޤާނޫނުތަކާއި، ޤަވާއިދުތަކަށްވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް އެމަސައްކަތް ކުރަންޖެހޭކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގައިވެސް ހަމަހަމަ ފުރުސަތު ލިބޭނެގޮތަށް ޤާނޫނަށް ބަދަލުގެނައުމަކީ މުހިންމުކަމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އިސް މަޤާމުތަކަށްވެސް އަންހެނުންނަށް އާދެވޭނެގޮތަކަށް ބަދަލުތަކެއް ގެންނަންޖެހޭކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

"5 މެމްބަރުން ތިބޭ ކޮމިޝަންތަކަށް 2 އަންހެނުންނާއި 2 ފިރިހެން މެމްބަރުން އައްޔަންކޮށް އަނެއް މެމްބަރަކީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަަށް ވިޔަސް މައްސަލައެއް ނެތްގޮތަށް ޤާނޫނަށް ބަދަލުގެނައުމަކީ މުހިންމުކަމެއް. ޤާނޫނުގައި ލިޔެގެން މިހަމަހަމަކަން ޤާއިމްކުރުމަކީ މުހިންމުކަމެއް. ސިވިލް ސަރވިސްގެ އިސްމަޤާމުތަކަށް މީހުން އައްޔަން ކުރާއިރުވެސް މި ހަމަހަމަކަން ޤާނޫނުގައި ލިޔެގެން ބަދަލުކުރަންޖެހޭ" ރޮޒައިނާ ވިދާޅުވިއެވެ.

ޤައުމުބިނާކުރުމުގައި ނިންމުންތައް ނިންމަނީ ޕޮލިސީ ލެވެލްއިން ކަމަށްވާއިރު، ޕޮލިސީލެވެލްގައި އަންހެނުންގެ ބައިވެރިންވުން އޮތުމަކީ މުހިންމުކަމެކެވެ. މިއަދު ރާއްޖޭގައި އަންހެނުންނަކީ އިސްނަގައި ކަންކަމުގައި ޝާމިލުވާ ބަޔަކަށްވާއިރު، ފުރުސަތު ފަހިވާނެގޮތަކަށް ޤާނޫތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މުހިންމުކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.