ޚަބަރު

ކޯވިޑް-19 : ކުށްތައް މަދުކޮށް، ވެށި އަމާންކޮށްދިނުމުގައި އަމިއްލަ ފުރާނަ ނުރައްކަލުގައި


ކޯވިޑް-19 އާއި ގުޅިގެން އަމިއްލަ އާއިލާއާއި އަނބި ދަރީންނަށްވުރެ ޤައުމާއި، ރައްޔިތުންގެ ހައްގުގައި އެންމެ ކުރީސަފުގައި ސައުވީސްގަޑިއިރު މަސައްކަތްކުރި އެއްބަޔަކީ ދިވެހި ފުލުހުންނެވެ. ގައިންގަޔަށް ފަސޭހައިން އަރާ ނުރައްކާތެރިކަން ބޮޑު މިބައްޔާއި ދެކޮޅަށް ބަލީގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މޭ އައްޑަނައަކަށް ދިއްކޮށްގެން ޚިދުމަތްދިނުމުގައި ފުލުހުންވަނީ ސާބިތުކަން ދައްކުވާފައެވެ. ގޭގައަށް ފެންފޯރުކޮށް ދިނުމާއި، ކާބޯތަކެއްޗާއި، ޒަރޫޒީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގައިވެސް ފުލުހުންވަނީ މަސައްކަތް ކޮށްދެއްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ވަގުތީބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތްތަކާއި، އެތަންތަން ތައްޔާރުކުރުމަށް ކުރެވުނު މަސައްކަތުގައިވެސް ފުލުހުންވަނީ އިސްދައުރެއް އަދާކުރައްވާފައެވެ. ބަލީގެ އެންމެ ނުރައްކާބޮޑު ތަންތަނުގައި ތެރޭގައި ހިމެނޭ ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަން މޮނިޓަރކޮށް ބެލެހެއްޓުމުގައާއި، ސާމްޕަލްތައް ނެގުމުގައިވެސް ފުލުހުންވަނީ މަސައްކަތް ކުރައްވާފައެވެ. މިއިން ކޮންމެ މަސައްކަތަކީވެސް އަމިއްލަ މީހާ ނުރައްކަލަށް ހުށަހެޅިގެން ކުރާ ނުރައްކާބޮޑު މަސައްކަތަކަށްވިޔަސް ތިމާގެ އަމިއްލަ ފުރާނަޔަށްވުރެން އަނެކާގެ ފުރާނަޔާއި މުޅި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންވަނީ ސާބިތުކަމާއެކު ޚިދުމަތްކޮށްދެއްވާފައެވެ.

ފުލުހުންގެ ޤައުމީ ވާޖިބް އަދާކުރުމުގައި އާއިލާއާއި އަމިއްލަ ދަރިން ލޮލަށްނުފެނި އެތައް ދުވަހަކު މަސައްކަތްކުރެއްވި ފުލުހުން މަދެއްނޫނެވެ. އެއްފަސްގަޑެއްގައި އުޅުނުކަމުގައިވީނަމަވެސް އާއިލާ ކައިރިއަށްދާނެ ވަގުތުވަނީ ނުލިބިފައެވެ. ރާއްޖޭގެ އެންމެ އާބާދީބޮޑު މާލެސިޓީ ހިމެނޭ ސަރަހައްދުގައި އިއުލާންކުރި ފުރަބަންދާއި ގުޅިގެން ތަންފީޒުކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒުކުރުމުގެ އެންމެ މަތީ ޒިންމާ އަދާކޮށްފައިވަނީވެސް ފުލުހުންނެވެ. ގެއިން ބޭރަށް ދާންއެދޭ މީހުންނަށް ހުއްދަ ދިނުމާއި، ވިޔަފާރި ހުއްދަ ދިނުމާއި، ދަތުރުފަތުރުކުރުމުގެ ހުއްދަ ދިނުމާއި، ބޭރުގައި އުޅޭއިރު ރައްކާތެރިވުމަށް ބަލަންޖެހޭ ކަންކަމަށް ރައްޔިތުން އަހުލުވި ކުރުމުގައިވެސް ފުލުހުންވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.

ކޯވިޑް-19 ގެ ނުރައްކާތެރި ހާލަތުގައިވެސް ރައްޔިތުންގެ ޞިއްޚީ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެޗްޕީއޭއިން އިއުލާންކުރެއްވި ކަންކަން ތަންފީޒުކުުރުމުގެ އިތުރަށް ރާއްޖޭގެ ކުށުގެ ވެއްޓާއި، އާންމު ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މުހިންމު މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ. މިހާލަތުގައިވެސް ރާއްޖޭގައި ކުރާކުށްތައް ހުއްޓުވުމަށްޓަކައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތްކުރުމާއި، ވައްކަމާއި ފޭރުމާއި، މިނޫންވެސް ވެށީގެ ރައްކާތެރިކަމަށް ފުލުހުންވަނީ ބޮޑެތި މަސައްކަތަކެއް ކުރައްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އިއުލާންކުރި ފުރަބަންދުގެ ހާލަތުގައި ކުށްކުރުން މަދުކޮށް އާންމު ރައްކާތެރިކަން ކަށަވަރުކުރެވިފައިވަނީ ފުލުހުންގެ ބުރަ އަދި މިންނެތް މަސައްކަތުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ފުރަބަންދުގައި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންވަނީ މަގުމަތި ބެލެހެއްޓުމުގައި ސައުވީސްގަޑިއިރު މަސައްކަތް ކުރައްވާފައެވެ. މިމުއްދަތުގައި މާލެ ސަރަހައްދުން ބައިލައްކައަށްވުރެ ގިނަ މީހުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިމުއްދަތުގައި މާލޭގެ އެކި ސަރަހައްދުތައް ބަލާ ފާސްކުރުމަށް ކުރި މަސައްކަތުގައި 120،000 އަށްވުރެ ގިނަ ފަހަރު އެކިތަންތަން ޗެކްކޮށް، ބަލާ ފާސްކޮށްފައިވެއެވެ. އަދި މިމުއްދަތުގައި 21،000 އަށްވުރެ ގިނަ މީހުންނަށް ޕާމިޓް ދޫކޮށްފައިވެއެވެ.

ފުލުހުން މިމަސައްކަތައް ނިކުތީވެސް އަދި މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީވެސް މިބަލީގެ ނުރައްކަލާއި، ކޮންމެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ޤަބޫލުކޮށްގެނެވެ. ނަތީޖާއަކަށްވީ އެތަކެއް ފުލުހުންނަށްވެސް ކޯވިޑް-19 ގެ ނުރައްކާކުރިމަތިވެ ބައްޔަށް ޕޮޒިޓިވްވެގެން ދިއުމެވެ. ނަމަވެސް ފުލުހުން ދެމުންދިޔަ ޚިދުމަތަށް އަދި ކުރަމުންދިޔަ މަސައްކަތަށް އެއްވެސް ހުއްޓުމެއްނެތި ދިޔައީ ސާބިތުކަމާއިއެކު ފޯރުކޮށްދެމުނެވެ.

ކޯވިޑްގެ މިހާލަތުގައިވެސް އަދި ރާއްޖެއަށް ދިމާވާ އެކިއެކި ދަތި އަދި އުނދަގޫ ހާލަތްތަކުގައި ރައްޔިތުންނާއި އެންމެގާތުން ޚިދުމަތްކޮށްދެއްވަނީ ދިވެހި ފުލުހުންނެވެ. ފުލުހުންވަނީ އެބޭފުޅުންގެ މަސައްކަތުގައި ރައްޔިތުންދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިމާވާ ކޮންމެ ހާލަތެއްގަވެސް އަމިއްލަ ފުރާނަޔާއި، އާއިލާއަށްވުރެ ގައުމާއި، ރައްޔިތުން އިސްކޮށްގެން ފުލުހުން މަސައްކަތް ކުރާނެކަމީ މިހާލަތުގައުވެސް ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައިވާ ނަމޫނާއެވެ.