ޚަބަރު

ބިދޭސީއަކަށް އަނިޔާކުރި 8 ފުލުހަކަށް ދަޢުވާކުރަން ނިންމައިފި


ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގަ 8 ފުލަހަކަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޑެޑް އޮޕަރޭޝަނެއްގެ ތެރެއިން ބިދޭސީއެއްގެ ގައިގައި ގަލަކުންތަޅާ އަނިޔާކުރި މައްސަލައިގަ ޝާމިލުވާ 8 ފުލުހެއްގެ މައްޗަށް ދައުވާކުރަން ނިންމާ އެކަން ޕީޖީ އޮފީހުން ވަނީ ފުލުހުންނަށްވެސް އަންގަވާފައެވެ. ފުލުހުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގާ، ދައުވާކުރުމަށް އެދި 2019 އޮކްޓޫބަރ 31 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިކަމަށެވެ. އަދި އޭގެ ތެރެއިން 8 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ނިންމާފައިކަމަށެވެ.

މިމައްސަލައިގައި ހިމެނޭ ފުލުހުންނަކީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، މައްސަލައިގެ ތަހްޤީޤް ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ އައިއޯއިންގެ މައްޗަށް އެކުލަވާލި ޚާއްސަ ޓީމަކުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ތެރޭގައި ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް އަމަލުކުރާ ފުލުހުންނާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މައްސަލަތައްދަނީ ބަލަމުންނެވެ. އެގޮތުން މަސްވެރިންގެ ޕާކު ސަރަޙައްދުގައި ހުރި ސައިލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުޙުމަތުކުރެވިގެން ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހު، އެމީހާއަށް އަނިޔާކުރި މައްސަލައާއި ގުޅިގެން މި މައްސަލައިގައި ތުހުމަތުކުރެވޭ 4 ފުލުހުންގެ ތެރެއިން 3 ފުލުހަކު ވަޒީފާއިން ވަކިކޮށް 1 ފުލުހެއްގެ މަޤާމު ދަށްކުރުމަށް އިއްޔެވެސް ވަނީ ނިންމާފައެވެ.

ފުލުހުންގެ އިދާރާ އިސްލާޙުކުރުމަށް ގިނަބަޔަކު ގޮވަމުންދާ މިދަނޑިވަޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ތިއްބެވި 34 އިންސައްތަ ފުލުހުންނަކީ ތަޢުލީމީ ފެންވަރުގައި އޭލެވެލްއަށްވުރެ މަތީ ފާސް އޮތްބައެއްކަމަށާއި އަދި ފުލުހުންގެ މުވައްސަސާގައި މަސައްކަތްކުރައްވާ 220 ފުލުހުންނަކީ ޕޯސްޓް ގްރެޖުއޭޓް ޑިގްރީ އޮންނަ ބައެއްކަން ފާހަގަކުރައްވާފައެވެ. ސީޕީ ވިދާޅުވީ ރަނގަޅު ގޮތުގައި ފުލުހުންގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރަކީ ވަޒީފާގައި ތިބެގެން ދަސްކުރާ ކަންކަންކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގައިވެސް އިސްލާހު ކުރަންވީ ގިނަ ކަންކަން ހުރިކަން ފާހަގަކޮށް ފުލުހުންގެ ޤާނޫނު އަލުން ހެދުމަށް ސަރުކާރުން ހުށަހެޅި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ބިލުގެ މަސައްކަތް މިހާރުވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައެވެ.