ޚަބަރު

ކޯވިޑް-19 : ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްއެއް އަދި ފީއެއް ނުނަގަން ފާސްކޮށްފި


ރާއްޖޭގެ އިޤްތިޞާދު އަލުން ހުޅުވާލާ ފަތުރުވެރިންނަށް ހުޅުވާލާއިރު ކޯވިޑް-19 އާއި ގުޅިގެން އިތުރު އެއްވެސް ޓެކްސްއެއް އަދި ފީއެއްވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނުނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"އާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓަށް ތަޅުމުގައި ގިނަ އިސްލާހުތައް ގެނެސް ފާސްކޮށްފައިވަނީ 59 މެމްބަރުންގެ ވޯޓުންނެވެ. ކޯވިޑް-19ގެ ހާލަތާއެކު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާއިރު ކޮންމެ ފަތުރުވެރިއެއްގެ އަތުން ބޮލަކަށް 8 ޑޮލަރު ނެގުމަށްވަނީ ފާސްކޮށްފައެވެ. އަދި ބައެއް ފީތައްވެސް ނެގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ނަމަވެސް މިހާލަތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ކޯވިޑް-19 އާއި ގުޅިގެން އެއްވެސް ޓެކްސްއެއް އަދި ފީއެއް ނުނެގުމަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ. މިއިސްލާހަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ. މި ހުށަހެޅުން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިންގައި ޓޫރިޒަމް އަލުން ފަށައިގަނެ ފަތުރުވެރިން ރާއްޖެ ގެންނައިރުު ޚާއްޞަ ހުއްދައިގެ ދަށުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި، ޗާޓަޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި ފަންސާސް ހާސް ޑޮލަރު ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ފަތުރުވެރިންގެ އަތުން ނަގާ ޚާއްޞަ ފީއެއްގެ ގޮތުގައި ސަތޭކަ ޑޮލަރު އަދި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރު ނަގާގޮތަށްވެސް ވަނީ ހިމަނާފައެވެ. ނަމަވެސް މަޖިލީހުން މިއަދު ގެނައި ބަދަލާއެކު މި ފީވެސް ނުނަގާނެއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިހާލަތަކީ ރާއްޖޭގެ އިޤްތިޞާދު އަލުން ހުޅުވާލައި، އިޤްތިސާދު ހިނގައިގަތުމުގެ މަސައްކަތް ފެށޭވަގުތަށްވުމުން، ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތަކެއް ނެގުމަކީ ރަނގަޅުގޮތަކަށް ނުވާނެކަމަށެވެ. މިހާލަތުގައި އެންމެބޮޑު ސަމާލުކަމެއްދޭންވީ އިޤްތިޞާދު ފެށޭނެ ގޮތެއް ހަމަޖައްސާ ރާއްޖެއަށް ފައިސާވަންނާނެ ގޮތްތަކެއް ހޯދުންކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ މިރިޕޯޓްގައި އެޗްޕީއޭއާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ފާހަގަކޮށްފައިވާ ކަންކަންވެސް ހިމަނާފައިވެއެވެ. މިރިޕޯޓުގައި ގިނަ ރިޒޯޓްތަކަކީ ބަލިނެތްކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:


• ގިނަ ރިޒޯޓްތަކަކީ އެކަހެރިގޮތަކަށް ތައްޔާރުކުރެވިފައިވާ ތަންތައްކަމަށް ވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި އެތަންތަނަކީ ކޯވިޑް ފްރީ ތަންތަނެވެ. ނަމަވެސް މިހާރު ތިބި ސްޓާފުން ސްކްރީންކުރުމަށް އިތުރު ފިޔަވަޅުތައް އަޅަންވާނެއެވެ.
• އެންޓިބޮޑީ ޓެސްޓިން ހެދުމަށް ހުއްދަލިބުމާއެކު ބަލިފެތުރޭ ގޮތްތަކާމެދު ސާވޭއެއް ކުރެވިދާނެއެވެ.
• ޓެސްޓަށް ޕޮޒިޓިވްވެފައިވާ ސްޓާފުން ދެވަނަ ފަހަރަށް ބަލިޖެހުމަކީ ނާދިރުކަމެވެ.
• އިތުރު އާލާތްތަކުގެ ގޮތުގައި ލެޓްރަލް ފުލޯ އެސީ، އެންމެހާ މުވައްސަސާތަކެއްގެ ހުއްދައާއެކު ބޭނުން ކުރެވިދާނެއެވެ. ގިނަ ރިޒޯޓްތަކަކީ ބަލިނެތްކަމަށް ކަޑައަޅާފައިވާ ތަންތަނެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ހިސާބުން ފެށިގެން އެ ފަތުރުވެރިޔާ ފުރުމާއި ހަމައަށް ޢަމަލުކުރާނެ އުސޫލުތައްވެސް މި ގައިޑްލައިންގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުން ޢަމަލުކުރާނެ ގޮތްތައްވެސް ކަނޑައަޅާފައިވެއެވެ.