ޚަބަރު

ގުޅިފަޅު ހިއްކާއިރު މާލޭގައި ދިރިއުޅޭ ރަށްޔިތުންގެ ބޯހިޔާވަހިކަމަށް ބިން ކަނޑައަޅަންޖެހޭ


ގުޅިފަޅުގެ އަލަށް ހިއްކާ ސަރަހައްދަކީ ހަމައެކަނި އިޤްތިޞާދީ މަސައްކަތްތައް ކުރާ ސަރަހައްދަކަށް ނަހަދައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދެވޭގޮތަށް ހިންގާ މަޝްރޫއަކަށް ހެދުމަށް ހުށަހަޅައިފިއެވެ.

ގުޅިފަޅު ޕޯޓް މަޝްރޫޢަށް ބިން ހިއްކަން ފެށުމުން އެކަމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތައް ދިރާސާކޮށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި މިހާރުން މިހާރަށް އެޅުމަށް ލަފާ ދެއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ގުޅިފަޅު ބަނދަރު މަޝްރޫޢާ ގުޅޭގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް އީ.އައި.އޭ ރިޕޯޓުގައި ކަނޑައަޅާފައިވާ ފިޔަވަޅުތަކާއި، އަދި އޭގެ އިތުރުންވެސް އެ ޙާލަތަކާ ގުޅޭގޮތުން އީޕީއޭއިން އަޅަންޖެހޭ ކަމަށް އަންގާ ފިޔަވަޅުތައް މަޝްރޫޢުގެ ވެރިފަރާތުން ފުރިހަމައަށް އަޅަމުން ގެންދިއުމަށް ވަނީ ލަފާދެއްވާފައެވެ.

ގުޅީފަޅުގައި މިހާރު ހިއްކަމުން ދަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ރަށަށް ބަދަލު ކުރަން ބޭނުންވާ ސަރަހައްދެވެ. މި މަޝްރޫޢަކީ ތިމާވެއްޓަށް އިޢާދަ ނުކުރެވޭފަދަ ބަދަލެއް އަންނާނެ މަޝްރޫޢަކަށް ވެފައި، އެކަމުގެ ސަބަބުން ހަޤީޤީ އެންވަޔަރަންމަންޓަލް ކޮސްޓް ބޮޑުވާނެ ކަމަށް ބެލިފައި ވުމާއެކު، މަޝްރޫޢުގެ އެންވަޔަރަންމަންޓަލް ކޮސްޓް އިތުރަށް ޖަސްޓިފައިކޮށް މަޝްރޫޢުގެ ސޯޝަލް އަދި އިކޮނޮމިކް ބެނިފިޓް އިތުރުވެގެން ދިޔުމަކީ މުހިންމު ކަމެއް ކަމުގައި ކޮމިޓީން ދެކެއެވެ.

އެގޮތުން، މާލެއަކީ ތޮއްޖެހިފައިވާ ރަށަކަށް ވެފައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ގޮތެއްގައި އޮތް ސަރަޙައްދަކަށް ގުޅިފަޅު ވުމާއެކު، ހަމައެކަނި އިޤްތިޞާދީ މަސައްކަތްތަކަށް އެ ސަރަޙައްދު ޚާއްސަ ކުރުމުގެ ބަދަލުގައި ހިއްކާ ބިމުގެ 15 އިންސައްތަ ދިރިއުޅުމުގެ ބޭނުމަށް ހަމަޖައްސައި، މީގެތެރެއިން ސޯޝަލް ހައުސިންގއަށް މަދުވެގެން 6000 ހައުސިންގ ޔުނިޓަށް ވާވަރުގެ ބިން ކަނޑައެޅުމަށް ކޮމިޓީންވަނީ ހުށަހަޅާފައެވެ.

ގުޅިފަޅު ބަނދަރު މަޝްރޫޢަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އިޤްތިޞާދީ މަޝްރޫޢެއް ކަމަށް ވެފައި، މަޝްރޫޢު ކުރިއަށް ގެންދެވެނީ ސަރުކާރުގެ އުސޫލުތަކާއި، ޢަމަލުކުރެވޭ ޤަވާއިދުތަކާއި އެއްގޮތައްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މިމަޝްރޫޢާ ގުޅޭގޮތުން ތިމާވެށީގެ ރޮނގުން ނިންމަންޖެހޭ ނިންމުންތަން އީޕީއޭއިން ނިންމަމުންދަނީ މިނިވަންކަމާއެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެކަމާއި، މަޝްރޫޢު ހުއްޓާލަން އަންގަންޖެހޭ ސަބަބެއް މިހާތަނަށް ފާހަގަވެފައި ނެތްކަން އެ އޭޖެންސީން ވަނީ ފާހަގަކޮށްފައެވެ.