ޚަބަރު

ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ބައްދަލުވުންތައް އިދިކޮޅު ކޯލިޝަނުން ފަށައިފި


ކޯލިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އަތޮޅުތަކުގެ ބައްދަލުވުންތައް ފަށައިފިއެވެ.

ރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ކުރިއަށް އޮތްތަނުގައި ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް، ހިންގާނެ ގޮތަކާއި، އަދި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ ވަރަށް ގިނަ އުދާސްތަކެއް ހުރިކަން އަތޮޅުތަކުގެ މަންދޫބުންވަނީ ލީޑަރޝިޕާއި ޙިއްސާކޮށްފައެވެ. އަދި މިކަންކަމުގައި އަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.

އިދިކޮޅު ޕާޓީއެއްގެ ޙައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުންވަނީ ދީފައެވެ. އަދި ޕާޓީގެ ލީޑަރޝިޕުން މަޝްވަރާކޮށްފައިވާ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރިއެވެ.

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓި މި ބައްދަލުވުމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ލީޑަރޝިޕްގެ މެމްބަރުން ބައިވެރިވިއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތަކުގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ރޭ ކުރިއަށް ގެންގޮސްފައިވަނީ ހއ. އަތޮޅުގެ ރަށްރަށުގައި ޕީޕީއެމްޕީއެންސީގައި އިސްކޮށް މަސައްކަތްކުރާ މަންދޫބުންނާ އެކީގައެވެ.