ޚަބަރު

ކޯވިޑް-19 : ސަމާލުވޭ! ގުޅުމެއް ނެތް ކޭސްތައް އިތުރުވަނީ


ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކަކީ އިމްޕޯޓެޑް ކޭސްތަކެކެވެ. އެހެންނަމަވެސް މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ މީހާއަކީ ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއްވެސް ނޫނެވެ. މިއާއެކު މި ބަލި މުޖުތަމަޢުގައި ފެތުރުމުގެ ބިރު، ނުވަތަ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ފާހަގަކޮށް ބަލި ކޮންޓްރޯލްކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވިއެވެ.

ސަރުކާރުން ފުރަތަމަ އެޅި ފިޔަވަޅުތަކަށް ރައްޔިތުން ފުރިހަމައަށް ބޯނުލެނބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މިބަލި ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެން ފެށުމެވެ. އެހެންކަމުން ސަރުކާރުންވަނީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް މާލެ ސަރަހައްދު ފުރަބަންދުކޮށް ރާއްޖެއިން ކޯވިޑް-19 ގެ
ކޭސްތައް ފެނުނު ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ކަން މިހެން ހުރި ނަމަވެސް ސަރުކާރުން އަޅާފައިވާ މިފިޔަވަޅުތައް އުވާލުމަށް މަދުބަޔަކުނަމަވެސް ދިޔައީ އެދެމުންނެވެ.

މާލެ ފުރަބަންދުކޮށް ދަތުރުފަތުރުކުރުން ހުއްޓާލާފައިވީ ނަމަވެސް އެކި ސަބަބުތަކަށްޓަކައި މާލޭގައި ތިބި ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ރަށަށް ނުދެވިތިބި ފަރާތްތަކަށްވެސް އެނބުރި އެރަށްރަށަށް ދިއުމުގެ އިންތިޒާމް ސަރުކާރުން ގެންދެވީ ވަކި އުސޫލެއްގެ ދަށުން ހަމަޖައްސަވާދެއްވަމުންނެވެ. އެގޮތުން މިފަރާތްތަކުން އެނބުރި ރަށަށް ދިއުމުގެ ކުރިން ސަރުކާރުން ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލީޓީގައި 14 ދުވަސް ހޭދަކުރަންޖެހުނެވެ. އެހެންނަމަވެސް މިކަމުގައިވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއެކު އެރައްޔިތުންގެ އެދުމުގެ މަތިން އެމީހުންގެ ރަށަށް ގޮސް ކަރަންޓީންވެވޭނެ އިންތިޒާމްވެސް ސަރުކާރުން ހަމަޖައްސަވާދެއްވިއެވެ.

މިއާއެކު ރަށްރަށުގައި އުޅޭ މީހުންނަށް ކޯވިޑް-19ގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވިއެވެ. ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތުމާއެކު އެކަމަށްވެސް ސަރުކާރުން ހައްލު ހޯއްދަވާދެއްވިއެވެ. އެގޮތުން ރަށްރަށުގެ ކަރަންޓީން ފެސިލިޓީއަށް ފޮނުވާ މީހުން އެރަށްރަށަށް ފޮނުވަމުން ގެންދިޔައީ މާލެއިން އެބައްޔަށް ޓެސްޓުކުރުމަށްފަހުގައެވެ.

ކޯވިޑް-19 ދުނިޔެއަށް ފެތުރެން ފެށުމާއެކު އެބަލީގެ ނުރައްކާ ރާއްޖެއަށް އޮތް ކަމަށް ބަލާ މިބަލިން ރައްކާތެރިވުމުގެ ގޮތުންނާއި މިބަލި ރާއްޖެއަށް އަތުވެއްޖެނަމަ އެބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންދިޔައީ ދުރާލާ ފިޔަވަޅުތައް އަޅަމުންނެވެ. އެކަމުގެ ނަތީޖާވެސްވަނީ ފެނިގެންގޮސްފައެވެ. އެއީ ރާއްޖެއިން ކޯވިޑް-19 ފުރަތަމަ އިންޕޯޓެޑް ކޭސް ފެނުމާ ރާއްޖޭގައި މީހަކު ޕޮޒިޓިވްވުމާ ދެމެދު މަހަކަށްވުރެ ގިނަދުވަސްވެގެން ދިއުމެވެ. ރާއްޖެއިން ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅަމުން ގެންދިޔައީ ރައްޔިތުންނަށް ޒަރޫރީ ކަންކަމަށް ބޭނުންވާ ލުއިތައްވެސް ދެމުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްވެ ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަބަޔަކު ރަނގަޅުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. މިމަހުގެ 15 ވަނަ ދުވަހު އެ ލުއިތައް ދިނުމާއެކު ފެނިގެންދިޔައީ ހިތާމަވެރި މަންޒަރުތަކެކެވެ. މަގުމައްޗަށް ބަލާލިނަމަވެސް ފެނިގެންދަނީ އާއްމު ހާލަތުގައި އާދައިގެ ދުވަހެއްގައި މީހުން މަގުތަކުގައި ހޭލަމޭލިވެ އުޅެމުންދާ މަންޒަރުތަކެވެ. އެއްބަޔަކު މާސްކް ނާޅައެވެ. އަނެއްބަޔަކު ކަނޑައެޅިފައިވާ ވަގުތުތައް ނޫން ވަގުތުތަކުގައި މަގުމަތީގައި އުޅޭ މަންޒަރުތައްވެސް ފެނިގެންދެއެވެ.

ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން ޕާކްތަކަށާއި މައިޒާންތަކަށް ދާ މީހުންގެ އަދަދުވެސް ގިނައެވެ. މިކުދިން ގޮވައިގެން ބިރެއް ނެތި ބައެއް މީހުން މިހާރު އެކިތަންތަނުގައި ބޭރުގައި އުޅެމުންދިޔަ ނަމަވެސް މިދަނޑިވަޅުގައި ސްކޫލް ހުޅުވަން ތައްޔާރުވަމުންދާއިރު ކުދިން ސްކޫލަށް ފޮނުވަން ޖެހިލުންވާ މީހުންގެ އަދަދުވެސް މަދެއްނޫނެވެ.

ނަމަވެސް ދައްކަން މިއުޅެނީ ސްކޫލްއަށް ކުދިން ފޮނުވުމަށް ޖެހިލުންވާ ވާހަކައެއް ނޫނެވެ.
ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމާއެކު ކޯވިޑް-19 ގެ އެއް ކޭސް އަނެއް ކޭސްއާ ގުޅުމެއް ނެތް ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށިވާހަކައެވެ. އަދި މިއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާ ކަމުގެ އަލާމާތެއް ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއް ކޭސް އަނެއް ކޭސްއާ ގުޅުމެއް ނެތް ކޭސްތައް ފެންނަވަރު އިތުރުވިނަމަވެސް ކޭސްތަކުގެ ޖުމްލަ އަދަދު އެއާއެކު އިތުރު ނުވާތީ އަދި އެއީ މާބޮޑު ކަންބޮޑުވުމެއް ނޫން ކަމަށް އޭނަ ވިދާޅުވިއެވެ. އަދި މިހާރު ދީފައިވާ ލުއިތަކާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭނީ މި ޓްރެންޑް މިހެން ހުރުމާ އެކު ޖުމްލަކޮށް ކޭސްތަކުގެ އަދަދު އިތުރުވާ ނަމަކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އާއްމުންގެ ތެރޭގައި ކޯވިޑް ފެތުރެން ފުރަތަމަ ފެށި އިރު އެއް ކޭސް އަނެއް ކޭހާ ގުޅުމެއް ނެތް ކޭސްތަކުގެ ނިސްބަތަކީ 10 އިންސައްތައެވެ. ނަމަވެސް މިހާރު އެ ނިސްބަތް ގާތްގަނޑަކަށް 30 އިންސައްތައަށް ވަނީ އަރާފައެވެ. ޑރ.އަފްޒަލް ވިދާޅުވީ ގުޅުމެއް ނެތް ކޭސްތައް އިތުރުވާން ފެށީ މި މަހުކަމަށެވެ.

"އިންޑިޕެންޑެންޓް ކޭސްތައް ގިނަވާ ކަމަށްވާ ނަމަ އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާ ކަމުގެ އަލާމާތެއް. އެހެން ނަމަވެސް މީގައި ދެކަމަކަށް ބަލަން ޖެހޭނެ. އެއީ ޕަސެންޓޭޖް އޮފް ނޮން ލިންކްޑް ކޭސަސް އިތުރުވުމާ އަދި އެއާ އެކުގައި ފެންނަ ކޭސްތަކުގެ ޖުމްލަ އަދަދުވެސް އިތުރުވުން" ޑރ.އަފްޒަލް ވިދާޅުވިއެވެ.

އިއްޔެ ޕޮޒިޓިވްވި 26 މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކަށް ނިސްބަތް ނުވާ 10 މީހަކު ހިމެނޭކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި އިއްޔެގެ ކޭސްތަކުގައި ކޮންމެވެސް ވަރަކަށް ކުދި ކްލަސްޓާތަކާއި އެހެން ކްލަސްޓާތަކާ ގުޅުންހުރި މީހުން ތިބި ނަމަވެސް، ގިނައީ އިންޑިޕެންޑެންޓް ކޭސްތައް ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިންކަމުގައި ވީނަމަވެސް ޑޮކްޓަރުންނާއި ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރަމުންދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ކިޔަމަންވުމަށެވެ. ޚާއްސަކޮށް އަދިވެސް މިބަލި ފެތުރެމުންދާތީ ގިނަގިނައިން ބޭރުގައި ނޫޅުމަށާއި ބޭރުގައި އުޅޭއިރުވެސް މާސްކް ބޭނުންކުރުމާއި ގައިދުރުކަން ބެހެއްޓުމަށެވެ. ނޫންނަމަ މިބަލި ފެތުރޭ މިންވަރު އިތުރުވެ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާ އެއްގޮތަށް މީގެ ދެވަނަ ރާޅެއްވެސް ރާއްޖެއަށްވެސް އައިސްދާނެކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 2120 އެވެ. އަދި ފުރަބަންދަށް އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 15 ވަނަ ދުވަހު ލުއިދިނުމާއެކު މިހާތަނަށް 85 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިމަހުގެ މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.