ޚަބަރު

ޖަލަށްވައްދަން އުޅުނު 3 އިންޗި ފޯނެއް އަތުލައިގަނެފި


މާފުށީ ޖަލަށް ވެއްދުމަށް މަސައްކަތްކުރި 3 އިންޗި ހުންނަވަރުގެ ކުޑަ ފޯނެއް އަތުލައިފިއެވެ.

ކޮމިޝަނަރ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެކްނޮލޮޖީ އާއިއެކު އަންނަ ބަދަލުތަކުގެ ތެރެއިން ކުދި ކުދި ފޯނުތައްވެސް ތައްޔާރުކޮށް އެތަކެތީގެ ބޭނުންވެސް ކުރަމުންދާކަމަށެވެ. އޭގެ ތެރެއިން 3 އިންޗި ކުޑަފޯނެއް ރޭ މާފުށީ ޖަލަށް ވެއްދުމަށް މަސައްކަތް ކޮށްފައިވާއިރު އެފޯނު ވަނީ ކަރެކްޝަންގެ މުވައްޒިފުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެންމެ 3 އިންޗި ކުޑަ މިފޯން ޖަލުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކޮށްފައިވަނީ ބޭސްފުޅިއަކާ އެކު އޭގެ ފޮށިތެރެއަށް ލައިގެންނެވެ. ބޭސްފުޅީގެ ސައިޒުގެ މިފޯނާއި، އެފޮށީގެ އިތުރުން ބޭސްފުޅިވެސް އަހުމަދު ވަނީ ޓްވީޓު ކުރައްވާފައެވެ.

ޖަލަށް ތަކެތި ވައްދާގޮތްތައް ހޯދުމުގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުން އެގިފައި ވަނީ ޖަލަށް ތަކެތި ވެއްދުމުގައި ދޭލުއިތަކުގެ ނާޖައިޒް ބޭނުންކޮށްގެންވެސް ޖަލަށް ތަކެތި ވެއްދުމަށް މަސައްކަތްކޮށްފައި ވާކަމެވެ. އެގޮތުން ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ޑެލިވަރީތަކުންނާއި، ޖަލުގެ ފެންސްމަތިންވެސް ބައެއްތަކެތި އުކައިގެންވެސް ތަކެތި ވައްދާކަމަށް އަހުމަދުގެ ޓްވީޓްގައި ވިދާޅުވިއެވެ. މިފަދަ އެކި ގޮތްގޮތުން ޖަލަށް ތަކެތި ވައްދާ ފަރާތްތައް ހުއްޓުވައި އަދި އެމީހުން ގެންގުޅޭ އުކުޅުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ގަވާއިދާއި ޙިލާފަށް ޖަލަށް ތަކެތި ވައްދާ މައްސަލައާއި، ޖަލަށްވެއްދުން މަނާތަކެތި ހުއްޓުވުމަށް ކުރެވުނު މަސައްކަތްތަކުގައި މިއަހަރުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ތަކެތި ކަރެކްޝަނުން ވަނީ އަތުލައިގަނެފައެވެ. އަދި މިފަދަ ތަކެތި ވެއްދުމުގައި އެހީތެރިވާ މީހުންނާއި އަދި ތަކެތި ވެއްދުމަށް މަސައްކަތްކުރާ ގައިދީންނާއިމެދުވެސް އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާކަމަށް ކަރެކްޝަންއިން ހާމަކުރައްވައެވެ.