ބޯޑަރުތައް ހުޅުވާލާއިރު، ޔޫ.އޭ.އީގެ ރައްޔިތުން ދަތުރުކުރުމަށް ހުއްދަދޭ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.
މި ލިސްޓުގައި ރާއްޖެ ހިމެނެނީ ދަތުރުކުރުމުގައި ނުރައްކާ އެންމެ ކުޑަ މިންވަރަށް އޮތް ޤައުމުތައް ހިމެނޭ ކެޓަގަރީގައެވެ.
ޔުނައިޓެޑަށް އެރަބް އެމިރޭޓްސް، ޔޫ.އޭ.އީން ދަނީ އަންނަ އަންގާރަދުވަހު އެޤައުމުގެ ރައްޔިތުންނަށް ޤައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ދަތުރުކުރުމަށް ހުއްދަދޭނެ 56 ޤައުމެއް ހިމެނޭ ލިސްޓެއް އެކުލަވާލާފައިވާއިރު މި ލިސްޓުވަނީ ދެ ކެޓަގަރީއަކަށް ބަހާލާފައެވެ.
އެގޮތުން ކެޓަގަރީ 'އޭ'ގައި ހިމެނެނީ ދަތުރުކުރުމަށް ނުރައްކާ އެންމެ ކުޑަ މިންވަރަކަށް އޮތް ޤައުމުތަކެވެ. ކެޓަގަރީ ބީ އަކީ ދަތުރުކުރުމަށް ނުރައްކާ މެދު މިންވަރަކަށް އޮތް ޤައުމުތަކެވެ.
މީގެތެރެއިން ރާއްޖެ ކެޓަގަރީ އޭ ގައި ހިމެނޭއިރު، ކެޓަގަރީ އޭ ގައި 42 ޤައުމު ހިމެނެއެވެ. ރާއްޖޭގެ އިތުރުން މެލޭޝިއާ، އޮސްޓްރޭލިއާ، ފީޖީ، މޮރިޝަސް އަދި ސައުތު ކޮރެއާ ފަދަ ޤައުމުތައް މި ކެޓަގަރީގައި ހިމެނެއެވެ.
ޔޫ.އޭ.އީގެ ރައްޔިތުންނަށް ޤައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދެނީ ސަލާމަތީގޮތުން ގިނަ ފިޔަވަޅުތަކަކާއި އެކުއެވެ. އެގޮތުން ޤައުމުން ބޭރަށް ފުރުމުގެ ކުރިން ކޯވިޑް-19އަށް ޓެސްޓުކޮށް، ނެގެޓިވް ނަތީޖާއެއް ލިބިފައިވާ މީހަކަށްވާނެ ޖެހެއެވެ. އަދި އަނބުރާ ޤައުމަށް އައުމަށްފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ.
ކޯވިޑް-19އާ ގުޅިގެން ޤައުމަކުން ދަތުރުފަތުރުތައް ކުރުން ހުއްޓާލާފައި އޮތުމަށްފަހު މިހާރު ދަނީ ބޯޑަރުތައް ހުޅުވާލުމަށް ތައްޔާރުވަމުންނެވެ. މިއާއެކު ބައެއް ޤައުމުތަކުން ދަނީ ދަތުރުތައް ކުރެވޭނީ ވަކި މަންޒިލްތަކަކަށްކަމަށް ނިންމަމުންނެވެ. މިގޮތުން ޖަރުމަންވިލާތުންވެސް ވަނީ ރައްކާތެރި މަންޒިލްތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. މި ލިސްޓުގައި ރާއްޖެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ހިމެނިފައިވާއިރު، މި ސަރައްހަދުގެ އެހެން ޤައުމުތައް ހިމެނެނީ ކޯވިޑް-19ގެ ނުރައްކާ އޮތް ޤައުމުތަކުގެ ލިސްޓުގައެވެ.
ކޯވިޑް-19އާ ގުޅިގެން މިއަހަރުގެ މާރޗުމަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. މިއާއެކު ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް ލަފާކުރި އަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަކަށް ނުބެލެވެއެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ދަނީ މިއަހަރު ނިމޭއިރު، ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާ، އެމްއެމްޕީއާރުސީއާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.