ޚަބަރު

ދިވެހި މަސައްކަތްތެރިން އެންމެގިނައީ މަސްވެރިކަމުގައި، ކުރެވޭ ހޭދަކުޑަ


ދިވެހި މަސައްކަތްތެރިން އެންމެ ގިނަ އަދަދަކަށް ހަރަކާތްތެރިވަނީ މަސްވެރިކަމުގައި ކަމަށްވާއިރު، އެދާއިއިރާއަށް ފާއިތުވެދިޔަ ތަނުގައި ދައުލަތުގެ ބަޖެޓުންވެސް އަދި އެނޫންގޮތްތަކުންވެސް ކުރެވޭ ހޭދަ ވަރަށްބޮޑަށް ކުޑަ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކާ ކުރިމަތިލުމަށް، އައު ޢާއްމު ޙާލަތުގެ ތެރެއިން "ކޯވިޑް ފްރީ ޒޯން"އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެގޮތަކަށް، ޤައުމު ހުޅުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ އިޤްތިޞާދު އަލުން ހުޅުވުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި އިޤްތިޞާދު ހުޅުވާއިރު ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރިކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި ތިބެގެން ދެކޮޅު ނުޖެހޭނެކަން މިއަދު ދިމާވެފައިވާ ހާދިސާއަށް ބަލާލުމުންވެސް ސާފުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މިތަޖުރިބާއާއެކު މަސްވެރިކަމަށް ޚާއްސަ ކަންތައްތަކެއް ކަނޑައަޅާ ހޭދަތަކެއް ކޮށްގެންވެސް މަސްވެރިކަން އިޔާދަކުރަންޖެހިފައިވާކަމަށެވެ. މަސްވެރިކަމަކީ މީގެކުރިންވެސް ރާއްޖޭގެ މުޅި އިޤްތިޞާދު ކޮޅަށްޖަހައި ހިފަހައްޓަފައިވާ ސިނާއަތަކަށްވާއިރު އެސިނާއަތަށް އަޅާނުލައި ދޫކޮށްލުމަކީ ރާއްޖެއަށް ލިބޭނެ ވަރަށްބޮޑު ދެރައެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރާއްޖެއަކީ މީގެކުރިން މުޅި އިޤްތިޞާދު މަސްވެރިކަމުން ހިފެހެއްޓި ސިނާއަތެއް. އެސިނާއަތް އަލުން ކޮޅަށްޖަހަންޖެހޭ. ބަޖެޓުންވެސް މަސްވެރިކަމަށް އެވަރުގެ ސަމާލުކަމެއްނުދެވޭކަން މީގެކުރީގެ ބަޖެޓްތަކަށް ބަލައިމުންވެސް ސާފުވޭ. ޓޫރިޒަމްގައި މަސައްކަތްކުރާ ދިވެހިންނަށްވުރެ މަސްވެރިކަމުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މާގިނަ. އެހެންކަމުން ދިވެހިންނަށް މަންފާލިބޭނެ ގޮތަކަށް އިޤްތިޞާދު ބައްޓަންކުރަންޖެހޭ" އަސްލަމް ވިދާޅުވިއެވެ.

މި ޤަރާރަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިޞާދު އަލުން ފެށުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެފައެވެ. އަތޮޅުތެރޭގައިވެސް އަދި ރާއްޖޭގެ ރިޒޯޓްތަކުގައިވެސް އިޤްތިސާދީ ހަރަކާތްތައް ފަށާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމަކީވެސް މުހިންމުކަމެކަމަށް މެމްބަރުން ވިދާޅުވިއެވެ.

މިޤަރާރަށް ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވީ އިޤްތިސާދު ހުޅުވާލުމަށްޓަކައި ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރެވި ބަލިޖެހޭ މީހުންގެ އަދަދަދު އަންދާޒާކުރެވުނު ވަރަށްވުރެ މަދުކުރެވިފައިވަނީވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އަދި މިއާއެކު މިއަދު އަލުން އިޤްތިސާދު ހުޅުވާއިރު އަތޮޅުތެރޭގެ އެއަރޕޯޓްތައްވެސް އޮޕަރޭޓްވާނެ ގޮތެއް ހަދައި މަސައްކަތް ފެށުމަކީ މުހިންމުކަމެއްކަމަށެވެ.

"ކޯވިޑް ފްރީ ޒޯން"އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ފެށުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރަށް، ރާއްޖޭގެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެކުނުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާލަންޖެހޭކަމަށް ބުނެފައިވެއެވެ. އަދި ކަނޑުމަގުން ރާއްޖެއަށްއެތެރެކުރެވޭ މުދަލަށް ބަނދަރުތައް ހުޅުވާލުމުގެ ޕްލޭނެއް އެކުލަވާލައި މާލޭ ބަނދަރުގެ އިތުރުން އައްޑޫސިޓީގެ ބަނދަރާއި ކުޅުދުއްފުށީސިޓީގެ ބަނދަރު އާގުބޯޓުފަހަރުތަކަށް ހުޅުވާލަންޖެހޭކަމަށް މިޤަރާރުގައި ބުނެފައިވެއެވެ.