ރާއްޖެއާއި ރާއްޖޭގެ ފަތުރުވެރިން އިޝްތިހާރުކުރުމަށް ސްޕޮންސަރކޮށްފައިވާ ސްޕެނިޝް ލަލީގާގެ ސެލްޓަވީގޯއިން 6-0ގެ ބޮޑު ތަފާތަކުން ޑިޕޯޓިވޯ އަލަވޭޒް ބަލިކޮށްފިއެވެ.
މިއީ ރާއްޖެއިން ސެލްޓަވީގޯ ސްޕޮންސަރކުރިފަހުން އެ ޓީމުން މިހާ ތަފާތު ބޮޑު ނަތީޖާއަކުން ސެލްޓަވީގޯ މޮޅުވި ފުރަތަމަ ފަހަރެވެ. ސެލްޓަވީގޯގެ އަމިއްލަ ދަނޑު، މުނިސިޕާލް ޑި ބަލައިޑޮސްގައި ކުޅުނު މެޗުގައި ސެލްޓާއިން 6 ގޯލު ޖަހާފައިވާއިރު، މޮރިއްލޯ، ރަފީނިއާ، އަސްޕާސް އަދި ސަންޓިމިނާ ލަނޑުޖަހާފައިވެއެވެ. އަދި އިމަންޖެންސީ ޓްރާންސްފަރއެއްގެ ދަށުން ސެވިއްޔާއިން އެޓީމާ ގުޅުނު ނޯލިޓޯވެސް ވަނީ ލަނޑު ޖަހާފައެވެ.
ސެލްޓާއަށްވުރެ ތަވާލްގެ ކުރީގައި އުޅޭ އާލްވޭޒްގެ މައްޗަށް ހޯދި މޮޅާއެކު ސެލްޓަވީގޯ ވަނީ ތާވަލްގެ 16 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މި މޮޅާއެކު އެ ޓީމުގެ ކޯޗުކަމަށް ކުރު މުއްދަތަކަށް ގެނައި އޮސްކާ ގާސިއާގެ ކޮންޓްރެކްޓް އާ ކުރުމަށްވެސް ވަނީ އެއްބަސްވުމަކާ ގާތަށް ގޮސްފައެވެ.
ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ސެލްޓަވީގޯއިން ފަށާފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއެކު މިދިޔަ އަހަރު ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން ކްލަބްގެ ދަނޑުތަކާއި ބާސެލޯނާއާއި މެޑްރިޑްގައިފަދަ ބޮޑެތި ސިޓީތަކުގައި ދަތުރުކުރާ އެކްލަބްގެ ބަސްތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ.
ކޯވިޑްއަށްފަހު ސްޕެނިޝް ލަލީގާގެ ކުޅުން އަލުން ފަށާފައިވާއިރު ސެލްޓަވީގޯ ކުޅޭ މެޗުތައް އޮންނަ ދުވަސްތަކުގައި އެތައް ހާސް ބަޔަކު ވަންނަ ދަނޑުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރާނެއެވެ. މިއީ ހަމަޤާއިމުވެސް ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާއިރު ވަރަށްވެސް މުހިއްމު މަސައްކަތެކެވެ. މީގެއިތުރުން ސެލްޓަވީގޯއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ކުރާ މަސައްކަތަށްވެސް އެހީތެރިވަމުންނެވެ.
2.2 މިލިއަން ފޮލޮވަރުން ތިބި ސެލްޓަވީގޯގެ ރަފީނިއާގެ ފަދަ ކުޅުންތެރިންގެ ސޯޝަލް މީޑިއާއަށް ދޫކޮށްލާ މެސެޖު ކުރުވިނަމަވެސް، އެމެސެޖް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ފެންނާނެއެވެ. މިވަގުތު ރާއްޖެ އިޝްތިހާރުކުރުމަކީ އެންމެ މުހިއްމު މަސައްކަތަށްވާއިރު، ސެލްޓަވީގޯފަދަ 85 މިލިއަން ސަޕޯޓަރުން ތިބި ކްލަބަކުން ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެއެވެ. 85 މިލިއަން މީހުންގެ ފޭން ބޭސްއެއް އޮންނަ ސެލްޓަވީގެ ބައެއް ކުޅުންތެރިންގެ ސޯޝަލް މީޑިއާ އެކައުންޓައް ފޮލޯކުރާ މީހުންގެ ޖުމްލަ އަދަދު އުޅެނީ އެތައް މިލިއަނެއްގައެވެ.