ޚަބަރު

ސަލާމަތީ ބާރުތަކުން ރ.މަޑުއްވަރީގައި އަނެއްކާވެސް ޚާއްޞަ އޮޕަރޭޝަނެއް


ސަލާމަތީ ބާރުތަކުން ރ.މަޑުއްވަރީގައި ޚާއްސަ އޮޕަރެޝަނެއް ފަށައިފިއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން މަޑުއްވަރީގައި ފަށާފައިވާ މި އޮޕަރޭޝަންގައި ސިފައިންނާއި، ފުލުހުންވެސް ދަނީ ހަރަކަތްތެރިވަމުންނެވެ. މި އޮޕަރޭޝަންގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ މީގެކުރިންވެސް އެރަށުގައި ބަލައި ފާސްކުރި ގެތަކާއި، އެސަރަހައްދުތަކުގައެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާއިން ވިދާޅުވީ މަޑުއްވަރީގައި ހިންގަމުންދަނީ ކައުންޓަރ ޓެރަރިޒަމާއި ގުޅުންހުރި މަލްޓިޑިޕާޓްމަންޓް އޮޕަރޭޝަނެއްކަމަށެވެ.

މަޑުއްވަރީގައި މީގެ ކުރިން ހިންގި އޮޕަރޭޝަންގައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ މީހުން އުޅޭ ގެތަކެއް ފާސްކޮށް ހަ މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލާގައި އެމީހުންގެ މައްޗަށް ދައުވާކުރުމަށް ވެސް ފުލުހުން ވަނީ ފޮނުވާފައެވެ.

ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ މީހުން ހޯދައި ދެނެގަތުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.

މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކުރަމުންދާތީ އެކަމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.