ޚަބަރު

ރަށްރަށަށް އަރައި ބޮޑެތި ވައްކަންކޮށް މުދަލަށް ގެއްލުންދިން 5 މީހަކު ހައްޔަރުކޮށްފި


ސަލާމަތީ ބާރުތަކުން ރ.އަތޮޅުގައި މިހާރު ހިންގަމުންދާ އޮޕަރެޝަނުގައި 5 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ.

ފުލުހުން ވިދާޅުވީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭކަމަށެވެ.

އަދި ޖަމާޢަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދޭ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނެއް ރ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދާކަމަށެވެ. މި ހަރަކާތުގައި މިހާތަނަށް ކޯޓު އަމުރުގެ ދަށުން ދިވެހި 5 ފިރިހެނަކު ހައްޔަރުކޮށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ރ.އަތޮޅުގައި ހިންގާ އޮޕަރޭޝަންގެ ބޮޑުބައެއް ގެންދަނީ މިވަގުތު ރ.އަތޮޅު މަޑުއްވަރީގައެވެ. ޕީއެސްއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލާމަތީ ބާރުތަކުން މަޑުއްވަރީގައި ފަށާފައިވާ މި އޮޕަރޭޝަންގައި ސިފައިންނާއި، ފުލުހުންވެސް ދަނީ ހަރަކަތްތެރިވަމުންނެވެ. މި އޮޕަރޭޝަންގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ މީގެކުރިންވެސް އެރަށުގައި ބަލައި ފާސްކުރި ގެތަކާއި، އެސަރަހައްދުތަކުގައެވެ.

މަޑުއްވަރީގައި މީގެ ކުރިން ހިންގި އޮޕަރޭޝަންގައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ މީހުން އުޅޭ ގެތަކެއް ފާސްކޮށް ހަ މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލާގައި އެމީހުންގެ މައްޗަށް ދައުވާކުރުމަށް ވެސް ފުލުހުން ވަނީ ފޮނުވާފައެވެ.