ޚަބަރު

ނޭކުރެންދޫ ޖަލު މިދައުރުގައި ނިމޭނެ، މިއީ ގައިދީންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ޖަލެއް


ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ކޯވިޑް19 އާއި ގުޅިގެން ހުއްޓިފައިވީ ނަމަވެސް، އަލުން މަސައްކަތް ފަށައި ގިނަ ޚިދުމަތްތަކެއް ލިބޭނެ ޖަލެއް މިދައުރުގެ ތެރޭގައި އެރަށުގައި އަޅާނެކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހދ.ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިޖަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެއްކަމަށެވެ. ކޯވިޑް19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައި ވީނަމަވެސް ބަޖެޓް ތަންދިން މިންވަރަކުން މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.

ޖަލުތަކަކީ މުޖުތަމައުގައި ކުށްކުރާ މީހުންގެ އަދަބުތައް ތަންފީޒުކުރުމަށް ގާއިމްކުރެވޭ ތަންތަނަށްވީނަމަވެސް ސަރުކާރުން މިއަދު އެވިސްނުން ބަދަލުކޮށްފައިވާކަމަށެވެ. ޖަލުތަކަށް ލެވޭ މީހުންނަކީ ޖަލުގައި ރިހިބިލިޓޭޝަން ފަރުވާދެވި، މުޖުތަމައަށް އަވަހަށް ނެރެވޭ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. އަދި މިހާރު އެޅުމަށް ޕްލޭން ކުރެވިފައިވާ ޖަލުތަކާއި، ކުރިއަށް އޮތްތަނުގައި އަޅާނެ ޖަލުތަކަކީވެސް މިވިސްނުމުގައި ސަރުކާރުން އަޅާނެ ޖަލުތަކަކަށް ވާނެކަމުގައި ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ނޭކުރެންދޫގައި އަޅާޖަލާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ނޭކުރެންދޫގައި ޖަލު އެޅުމަށް ބިންކަނޑައެޅުނު ސަރަހައްދު ބެލުމަށް މިދިޔަ އަހަރު އެރަށަށް ގޮސް، ކައުންސިލާއިވެސް މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. ޖަލުއެޅުމަށް މިއަހަރުގެ ބަޖެޓްގައި ފައިސާ ހިމެނި މަސައްކަތް ފެށުމަށް ފެބްރުއަރީ މަހުގައި އެންވަޔަރަންމަންޓަލް އެސެސްމަންޓް ހެދުމަށް ބަޔަކާއި ހަވާލުކުރުމާއި ހަމަޔަށް ގޮސްފައިވަނިކޮށް ކޯވިޑް19 އާއި ގުޅިގެން އެމަސައްކަތް މެދުކަނޑާލަން ޖެހުނުކަމަށެވެ. ނަމަވެސް މިހާރު އަނެއްކާވެސް އެމަސައްކަތް އަލުން ފެއްޓުމަށްޓަކައި، މަސައްކަތްކުރެވެމުންދާކަމަށެ މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒުކުރީ އިއީއައިއޭގެ މަސައްކަތް ނިންމައި، ޖުލައިގައި މަސައްކަތް ފެށުމަށް އަޅުގަނޑުމެން އަމާޒުކަނޑައެޅީ. މިހާރުވަނީ މަޝްރޫޢު އަލުން މުރާޖާ ކުރަންޖެހިފަ. މިއަހަރު ބަޖެޓް ހުރި މިންވަރަކުން އެމަސައްކަތް ކުރެވޭނެ. މަސައްކަތް ފަށާތާ 1 އަހަރުގެ ތެރޭގައި ޖަލުގެ މަަސައްކަތް ފަށައި ނިންމައި މީހުން ބަދަލުކުރުމަކީ އަޅުގަނޑުމެންގެ އަމާޒު. މިޖަލުގައި ވޮކެޝަނަލް ޓްރައިނނިން، ރިހިބިލިޓޭޓް އަދި ތަމްރީން ޕްރޮގުރާމް ދެވޭނެ ގޮތަކަށް ހަމަޖެހިގެންދާނެ. މިވެރިކަމުގައި ޖަލު އަޅާނެ، މިއީ ސަރުކާރުގެ ވައުދެއް" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހދ. ނޭކުރަންދޫގައި ޖަލެއް އެޅުމަށް މިއަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން މިމަސައްކަތް ފެއްޓުމަށްޓަކައި މުރާޖާކޮށް ބަޖެޓްހުރި މިންވަރަކުން މަސައްކަތް ފަށައި މިއަހަރުގައިވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ފެށިގެންދިއުމަކީ އުންމީދެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.