ޚަބަރު

5 ސަފީރެއްގެ ނަން ދިރާސާކުރެއްވުމަށް ކޮމިޓީއަށް


ބޭރުގެ 5 ޤައުމަކަށް ސަފީރުން ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުންވި ނަންފުޅުތައް ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރާއްޖެއިން ސަފީރުން ކަނޑައެޅުމަށް ފޮނުވާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ޕާކިސްތާން، ޢަރަބި އިމާރާތް، އަދި އިންޑިއާއެވެ. މީގެ އިތުރުން ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ކަނޑައަޅާ ސަފީރުގެ ނަންފުޅު ދިރާސާކުރެއްވުމަށްވެސް ވަނީ ފޮނުވާފައެވެ.

ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައިވާ ބޭފުޅުން

- ޝިރުޒިމަތު ސަމީރު / ބަންގްލަދޭޝް ސަފީރުކަމަށް.
- ފަރުޒާނާ ޒާހިރު / ޕާކިސްތާނު ސަފީރުކަމަށް.
- އާމިނަތު ޝަބީނާ / އެކުވެރި ޢަރަބި އިމާރާތު ސަފީރުކަމަށް.
- ޑޮކްޓަރ ޙުސައިން ނިޔާޒު / އިންޑިއާ ސަފީރުކަމަށް، އަދި ނޭޕާލް، ބޫޓާން، އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރުކަމަށް.
- އެމްބެސެޑަރ އެޓް ލާޖް، ޑރ. ޢާޞިމް އަޙްމަދު / ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް.

ބޭރުއެކި ޤައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން އެ މަޤާމުތަކަށް އައްޔަންކުރައްވާނީ އެބޭފުޅުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ، މަޖިލީހުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު މަޖިލީހުގައި ނެގޭ ވޯޓަކުންނެވެ.