ޚަބަރު

އަފްރާޝީމް މަރުގެ މައްސަލާގައި ދައުވާކުރަން އިތުރު ހެކިބަހެއް ބޭނުމެއް ނުވޭ - ނަޝީދު


ރަހުމް ކުޑަގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ފާހަގަކޮށްފައިވާ މީހުންގެ މައްޗަށް އިތުރު ހެކި ބަހެއް ނުލިބުނަސް ދައުވާކުރެވޭނެެކަމަށް ރައްޔިތުންގެ މަޖިލީގު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީ އާއި ގުޅިގެން އެކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާ މަޖިލީހުގެ 241 ކޮމެޓީއަށް ފޮނުއްވި ސިޓީގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް ޢަލީ އާއި ޔާމީން ރަޝީދާއި އަޙްމަދު އަޙްމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ފަހަތުގައި ތިބީ އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ފަރާތްތަކެއްކަން ކޮމިޝަންގެ ރިޕޯޓުން ފާހަގަކުރެވޭކަމަށެވެ.

ރައީސް ނަޝީދު ވަނީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން ކޮމެޓީގެ ސަމާލުކަމަށް ގެންނަވާފައެވެ. މިގޮތުން ކޮމިޝަނަށް ލިބިފައިވާ ހަމައެކަނި ޤާނޫނީ ބާރަކީ ތަޙްޤީޤުކުރާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބާރުކަމާއި، އެހެންކަމުން އެ މައްސަލަތަކާއި ގުޅިގެން ކޮށްފައިވާ ކަަމަކާ ގުޅިގެން އެމީހުން ހައްޔަރުކުރެވޭ ފަދަ ހެއްކާއި ޤަރީނާ ލިބިގެން މެނުވީ ކޮމިޝަނުން އެމީހުން ހައްޔަރުކުރުމުގެ ފިޔަވަޅު އެޅުމަކަށް ގާނޫނު ތަން ނުދޭކަމަށް ބަޔާންކޮށްފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުގެ ނަޒަރުގައި، ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަ އާއި ގުޅޭގޮތުން ކޮމިޝަނުން މި މަޖިލީހާ ޙިއްޞާކޮށްފައިވާ ރިޕޯޓާއި، އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައާ ގުޅޭގޮތުން މި މަޖިލީހާ ޙިއްޞާކޮށްފައިވާ ޚުލާޞާ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެ ދެ މެއްސަލައިގެ ތެރޭގައިވެސް ހިމެނޭ ކަންކަން" މަޖިލިސް ރައީސް ވިދާޅުވެފައިވެއެވެ.



މި މަރުގެތަކުގައި ޢަމަލީގޮތުން އެކަން ހިންގުމުގައި ބައިވެރިވެފައިވަނީ މާލޭގައި ޙަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކަށް ނިސްބަތްވާ މީހުން މެދުވެރިކޮށްކަމަށް ކޮމިޝަނުގެ ތަޙްޤީޤަށް އެނގިފައިވާކަމަށްވެސް ފާހަގަކޮށްފައިވެެވެ. އެގޮތުން އެފަރާތްތަކުން ޑރ. އަފްރާޝީމް ޢަލީ މަރާލާފައިވަނީ އެބޭފުޅާ ޝިރުކުކުރިކަމުގެ ތުހުމަތުގައިކަމަށާއި، އަދި އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވާލާ ޔާމީން ރަޝީދު މަރާލާފައިވަނ އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައިކަމަށް ބަޔާންކޮށްފައިވާކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

" އިސްވެ ދެންނެވި ގޮތުގެ މަތިން، ބުނެވިދިޔަ ކަންކަން ކޮމިޝަނުގެ ތަޙްޤީޤުން ފާހަގަވާ ނަމަ، ކޮމިޝަނަށް އެ ފާހަގަވަނީ އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ޖިނާއީ ޢަމަލެއް ހިންގާފައިވާކަން ނުވަތަ ޖިނާއީ ކުށެއް ކޮށްފައިވާކަމަށް. ކަން މިހެން އޮތްއިރު، އެ ޙަމަލާ ގުޅިގެން ނުވަތަ އެ ކުށާ ގުޅިގެން އެ ޢަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ނުވަތަ އެ ކުށްކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލެންވީ ސަބަބަކީ ކޮބައިކަން ސާފެއްނުވޭ. " މަޖިލިސް ރައީސް 241 ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވިއެވެ.

ޔާމީން ރަޝީދުގެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކާއި ހެކިބަސްދޭން ތިބި ފަރާތްތައް ކޮމިޝަނަށް ޙާޟިރުކޮށް ސުވާލުކުރިކަމަށް ތުހުމަތުކޮށް، އަދި އެކަމުގެ ސަބަބުން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހިނގަމުންދާ ޝަރީޢަތަށް ހެކިބަސްދޭން ތިބި ބަޔަކު ހެކިބަސްދިނުމަށް އިންކާރުކުރާ ކަމަށް ބަޔާންކޮށް މިކަން ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮމިޝަނުގައި އެދިފައިވާކަމަށްވެސް ކޮމިޝަންގެ ރިޕޯޓްގައިވެއެވެ.

"ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މި މަޖިލީހާ ޙިއްޞާކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ދެން އިތުރު އިޢްތިރާފް ހެކިބަހެއް ބޭނުންވާނެކަމަކަށް ނުފެންނަކަމުން، ބުނެވިދިޔަ ފަރާތްތަކުގެ ހެކިބަހާ ނުލައި ދައުވާ އުފުލޭނެ މިންވަރަށް އެކަށީގެންވާ ހެއްކާއި ޤަރީނާ އެ ރިޕޯޓުގައި ހިމެނޭ. " މަޖިލިސް ރައީސް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓު ޢާންމުވުމާ ގުޅިގެން ކޮމިޝަނަށް ހެކިބަސްދޭން ތިބި ބައެއް ފަރާތްތަކުން ހެކިބަސްދިނުމަށް އިންކާރުކޮށްފައިވާކަން ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް، ސިޔާސީ އެކިއެކި ފަރާތްތަކާއެކު ގާތްގުޅުމެއް އޮތްކަން ފެންނަ ފަދަ ގޮތަކަށް ސިޔާސީ އެކިއެކި އިވެންޓްތަކުން ފެންނާތީ، އެކަމުގެ ސަބަބުން ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލަތަކާމެދު ޢާންމުން ދެކޭގޮތް ބަދަލުވެގެންދާކަން ފަހާގަކުރެވޭ ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. އަދި އެކަމުގެ ސަބަބުން ކޮމިޝަނުގެ ތަޙްޤީޤު ކުރިޔަށް ގެންދިއުމުގައި ހުރަސްތަކެއް ކުރިމަތިވާކަމަށާއި އެ ފަރާތްތަކަކީ ކޮބައިކަން ކޮމިޝަނުން ޢާންމުކޮށްފައިނުވާކަމާއި، އެއީ ކޮން ބައެއްކަން ސާފުވަނިކޮށް ސިޔާސީ އެކިއެކި ފަރާތްތަކާއެކު ސިޔާސީ އިވެންޓްތަކުން އެމީހުން ނުފެނި، އެމީހުން ޙަޤީޤަތުގައި ފެންނަންޖެހޭ ތަންތަނުން އެމީހުން ފެންނާނެކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، 1 ސެޕްޓެންބަރު 2015 ގައި ކޮމިޝަނުން ޢާންމުކޮށްފައިވާ އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ޚުލާޞާ ރިޕޯޓު ކޮމިޓީއަށް ލިބުމާއެކު، އެ މައްސަލައިގެ ތަފްސީލް ރިޕޯޓު ހޯއްދުމަށް 9 ސެޕްޓެމްބަރު 2019 ގައި ކޮމިޝަންގައި އެދިވަޑައިގެންކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެެހެންނަމަވެސް އޭގެ ފަހުން އަހަރަކާއި ގާތްވެފައިވާއިރު އެ ރިޕޯޓް މިހާތަނަށްވެސް ލިބިފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން ހިނގައިދިޔަ ގޮތް ބަލައި އިތުރަށް ދިރާސާކުރެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އެދިވަޑައިގެންފައެވެ.