ޚަބަރު

800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރީގެ މައްސަލަ ޖުޑީޝަރީކޮމިޓީއަށް


800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރީގެ ރިޕޯޓް ހޯދުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެސްޓީއޯތެެރެއިން ހިންގިކަމަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް ހޯދުމަށް އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުއެވެ. މިރިޕޯޓަށް ބަހުސްކޮށް މިމައްސަލަ ބަލައި ގަތުމަށް ވަނީ ވޯޓަށް އަހާފައެވެ. މި މައްސަލަ ބަލައިގަތުމަށް ފާސްވީ 67 މެމްބަރުންގެ ވޯޓާއިއެކުގައެވެ. މިމައްސަލަ ދިރާސާކުރެއްވުމަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

ފަލާހް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ތެލުގެ ވަގު ވިޔަފާރި ބެލުމަށް އެމްޑީޕީ ސަރުކާރުން "ގްރާންޓް ތޯޓަން" އާއި ހަވާލުކޮށް އެކުލަވާލި ރިޕޯޓް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި ފައިސާ ދެއްވައިގެން ބައްލަވައިގަނެ އެ ރިޕޯޓް ފޮރުވާފައިވާކަމަށެވެ. މި ރިޕޯޓް ގަތުމަށް ދައުލަތުގެ ބަޖެޓުން 10 މިލިއަން ޑޮލަރު ހަރަދުކޮށް ފައިވާކަމަށާއި އަދި އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ރައީސް ވަހީދާއި އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދާއި ގަވަރު ނަރު ފަޒީލް ނަޖީބާއި، އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުކަމަށް ވެސް ވަނީ ބުނެފައެވެ.

ފަލާހު ހުށައެޅުއްވި މައްސަލާގައި ބުނެފައި ވަނީ އެސްޓީއޯ އިން ސިންގަޕޫރްގައި ހިންގި ތެލުގެ ވިޔަފާރީގެ ތެރެއިން ގެއްލިފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާއި ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ބައްލަވައިގަނެ ފޮރުއްވެވީ އެމަނިކުފާނު 7 ފެބްރުއަރީ 2012 ގައި ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހުގައި ކަމަށެވެ.

މިމައްސަލަ އަކީ އެސްޓީއޯގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި އުފެއްދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުގައި ހިންގި 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައެވެ. މަނީ ލޯންޑަރިންގެ ތެރެއިން ދައުލަތުން ގެއްލިފައިވާ ގިނަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ފާމަކަށް ހަވާލުކުރި ރައީސް ނަޝީދު ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަދުވަހުއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހުރިހާ ލިޔެކިއުމެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާނެ ކަމަށެވެ. ފައިލްތައް އޭސީސީއާ ހަވާލުކުރީ ގްރާންޓް ތޯންޓަން އިން ދިން އިރު ހުރިގޮތަށް، ކަނޑައިވެސް ނުލައި ކަމަށާއި، ފައިލްތައް އޭސީސީގައި ނެތްނަމަ އެއީ އެއިދާރާގެ މައްސަލައެއްކަމަށެވެ.

މިރިޕޯޓަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ގަނެފައިވާ ރިޕޯޓަކަށްވާއިރު، ރިޕޯޓް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުގައި ނެތުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް ފަލާހު ހުށައެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިދިޔަ 4 އަހަރުގެ ތެރޭގައި މިރިޕޯޓާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އިދާރާއިން ފެނިފައިވާ ނުވާކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

" 4 އަހަރުގެ ތެރޭގައި އެއްވެސް އިދާރާއަކަށް އެ ރިޕޯޓް ފެނިފައިނުވޭ. އެއްވެސް އިދާރާއެއްގައި ނެތް މިކަމުގެ އެއްވެސް ލިޔުމެއްވެސް. ވަކި މީހެއްގެ އަތުގައި މިރިޕޯޓް އޮތުމަކީ ވައްކަމެއް. މިހުރިހާ ކަމެއްކުރީ އޭރުގެ ބަންޑާރަ ނައިބް އާޒިމާ ޝުކޫރުގެ ބެއްލެވެމުގެ ދަށުން. އެ ރިޕޯޓް ބައްލަވައި ގަތުމުގެ ފައިސާ ދައްކާފައިވަނީ އޭރުގެ ރައީސް ވަހީދުގެ އިރުޝާދުގެ ދަށުން އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު، މި ފައިސާ އެމްއެމްއޭއިން ދޫކުރެއްވީ ފަޒީލް ނަޖީބު. " މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ފަލާހު ވިދާޅުވިއެވެ.

މި މައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ރިޕޯޓް ދައުލަތަށް ހޯދައި، ރިޕޯޓް ފޮރުވުމުގައި ބައިވެރިވި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރުމަށް ގޮވާލައްވާފައެވެ. އަދި ގްރާންޓް ތޯޓަން" އަށް އެހާ ބޮޑު އަދަދަކުން ފައިސާދީގެން މި ރިޕޯޓް ބައްލަވައިގަތް ސަބަބުވެސް ހޯދަންޖެހޭކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

" ގްރާންޓް ތޯޓަން އަށް 10 މިލިޔަން ޑޮލަރު ދީގެން ރިޕޯޓް ގަނެފައިވަނީ. އެރިޕޯޓް އެ ހާބޮޑު ހަރަދެއްކޮށްގެން ތަހުގީގް ހުއްޓުވަން ޖެހުނު ސަބަބު ހޯދަންޖެހޭ. އެމްޑީޕީ ވެރިކަމުގައި އެމަސައްކަތް ހަވާލުކުރީ އެކަން ބެލުމަށް، އެއީ ދައުލަތުގެ ރިޕޯޓެއް. " މިމައްސަލާގައި ވާހަކަ ދެއްކެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވިއެވެ.

އެސްޓީއޯއިން ހިންގާފައިވާ 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައިގެ ތުހުމަތުގައި އޭރުގެ އެސްޓީއޯ ހިންގުމާއި ހަވާލުވެ ހުންނެވި ރައީސް އަބްދުﷲ ޔާމީން މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ބަލާފައެވެ. ނަމަވެސް މި ރިޕޯޓް އެކުލަވާލަމުން ދިއުމާއި އަދި އިތުރަށް ތަހުގީގް ކުރަންޖެހޭ ކަންކަން ހުރުމުން އޭރު ވަނީ މައްސަލަ މަޑުޖެހިފައެވެ.