ޚަބަރު

ފުލުހުންގެ ބިލު ކޮމިޓީ މަސައްކަތް ޖުލައި 15 އަށް ނިންމަނީ


ޒަމާނީ ފުލުހުންގެ ހިދުމަތް ތަޢާރަފްކުރުމަށް މަޖިލީހުން އެކުލަވާލާ ބިލުގެ މަސައްކަތް ޖުލައި 15 ވަނަ ދުވަހު ނިންމުމަށް އަމާޒުހިފައިފިއެވެ.

ފުލުހުންގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްނޫސްވެރިންނާއި ހިއްސާ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ގިނަބައެއްގެ ޚިޔާލާއިއެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ކޮމިޓީން ބިލުގެ މަސައްކަތް ކުރާއިރު، ކުރިއަށް 10 ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަމަށާއި އެގޮތުން ދައުލަތުގެ މުވައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ސިޓީ ކައުންސިލްތަކާއިއެކު 25 ފަރާތަކާއި ކޮމިޓީން ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން އާންމުންގެ ޚިޔާލް ހޯދުމަށް 2 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އާންމުންގެ ޚިޔާލު ފުޅާދާއިރާއެއްގައި ބޭނުންވާތީ މިހާރު ހުޅުވާލެވިފައިވާ ފުރުސަތުގައި ވީހާވެސް ގިނަބަޔަކު އެބިލަށް ޚިޔާލު ހުށަހެޅުއްވުމަށް އަސްލަމް ވަނީ އެދިވަޑައިގެފައެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީގެ މަސައްކަތް އަމާޒުކުރަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށްކަމަށެވެ. ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި، ބިލުގެ ގިނަ މަސައްކަތް ކުރިއަށްގެންދާނީ ސަބްކޮމިޓީން ކަމުގައި އަސްލަމް ވިދާޅުވިއެވެ.

"ކޮމިޓީން ނިންމާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު ކޮމިޓީން ނިންމުމަށް. މަސައްކަތް އަވަސް ކުރުމަށް ސަބްކޮމިޓީއެއް ވަނީ އެކުލަވާލެވިފަ. ފުޅާދާއިރާއެއްގައި މައުލޫމާތު އެއްކޮށް އަންމުންގެ ޚިޔާލް ހޯދުމަށް މިހަރުވެސް ވާނީ އިއުލާންކުރެވިފަ. ވީހާވެސް ގިނަ ބައެއްހެ ޚިޔާލާއި މަޝްވަރާ ބޭނުންވޭ. ބިލާ ގުޅޭގޮތުން ދައުލަތުގެ މުވައްސަސާތަކާއި ބައްދަލުކުރަން އެދިފައިވާނެ، އިއްޔެ އަޅުގަނޑުމެންވާނީ ފުލުހުންނާއި ބައްދަލުކޮށްފަ. 25 ފަރާތަކާއި އަޅުގަނޑުމެން ބައްދަލުކޮށް މިކަމުގައި މަޝްވަރާކުރާނަން" އަސްލަމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާއި ގުޅޭ ބުކްލެޓެެއް ނެރެދެއްވާފައެވެ. މި ލުއިފޮތުގައި، ފުލުހުންގެ ބިލުގެ މުހިންމު ބައިތަކާއި، ބިލާއި ގުޅޭގޮތުން މެމްބަރުން ފާޅުކުރެއްވި ޚިޔާލުތައް ހިމަނާފައި ވެއެވެ.

ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިބިލް މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ މިބިލަކީ ސަރުކާރުން ވަރަށް މާތް މަޤްސަދެއްގައި ހުށަހަޅާފައިވާ ބިލެއްކަމަށެވެ. ބިލުގެ އެންމެބޮޑު މަޤްސަދަކީ ޒަމާނީ ފުލުހުންގެ ހިދުމަތެއް ތަޢާރަފްކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

"ފުލުހުންގެ ބިލް ޤާނޫނަކަށްވާއިރު، މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ހިދުމަތްދޭ އޮނިގަނޑަށް ވަރަށްބޮޑު ބަދަލެއް އަންނާނެ. ލާމަރުކަޒީ އުސޫލުން ހިދުމަތް ދިނުމަށް ޤާނޫނުން ކަށަވަރުވާނެ. އަޅުގަނޑުމެންގެ އެންމެބޮޑު މަޤްސަދަކީ މުޅި ދައުލަތް ލާމަރުކަޒު ކުރުމަކީ އެންމެބޮޑު ވިސްނުން. ރީޖަނަލް ފުލުސް ކޮމިޝަންތަކެއް ހެދުން" ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މިބިލު ޤާނޫނަކަށްވުމުން ފުލުހުން މިހާރުދެމުންދާ މަދަނީ ޚިދުމަތްތައް ވަރަށްބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. އާބާދީ މަދު ރަށްތަކުގައިވެސް ފުލުހުންގެ ހިދުމަތްދެވި ފުލުހުންގެ އިނާޔަތާއި، ހިމާޔަތް ދޭނެ ގޮތްތަކާއި، މިންގަނޑުތައްވެސް މިބިލުގައި ހިމެނިގެންވާނެ ކަމުގައި ހަސަން ލަތީފު ވިދާޅުވިއެވެ. އަދި މިހާރު އޮތް ބިލުން މުޅި ފުލުހުންގެ ނިޒާމު އެއްކޮށް ބަދަލުވެ ރައްޔިތުން ބަލއިގަންނަ މަދަނީ ބޮޑު ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ވެގެންދާނެކަމުގައިވެސް ހަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.