ޚަބަރު

މަޖިލީހުން ފުލުހުންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ، ޒިންމާދާރު ކުރުވާނެ


ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ފުލުހުންގެ މައްޗަށް ސިޔާސީ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި، އެހެންނަމަވެސް ޒިންމާދާރު ކުރުވުމުމުގެ މަސައްކަތް ކުރާނެކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބިލާއިގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމް ވިދާޅުވީ ފުލުހުންގެ މުވައްސަސާ ޖަވާބުދާރީ ކުރުވުމަކީ ނުފޫޒު ފޯރުވުންކަމަށް ދެކެވަޑައި ނުގަންނަވާމަށެވެ. އަދި އެއްވެސް މުވައްސަސާއަކުންވެސް ވަކި ފަރުދަކުވެސް ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވާފައި ނުވާކަމަށެވެ. އިއްޔެ ކަމިޝަނަރ އޮފް ޕޮލިސް އާއިއެކު ބޭއްވުނު ބައްދަވުމުގައިވެސް އެއްވެސް ނުފޫޒެއް މިހާތަނަށް ކުރިމަތިވެފައި ނުވާކަން ފާހަގަކުރައްވާފައިވާ ކަމުގައި އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ނުފޫޒު ފޯރުވުމަކީ ކަމިޝަނާ އޮފް ޕޮލިސްއަށް ގުޅައި ވަކި ގޮތަކަށް ވަކިކަންތައްތަކެއް ކުރުމަށް އެންގުންކަމަށެވެ. އަދި ވަކި މައްސަލައެއް އަވަސްކޮށް ވަކި ގޮތަކަށް މައްސަލަ ގެންދިއުމަށް ބާރުއެޅުންކަމަށެވެ. ނަމަވެސް މައްސަލަތައް ލަސްވެ، ވަކި މައްސަލަތަކަކަށްވުމުން ނުބަލާ ދޫކޮށްލާ މައްސަލަ ކޮމިޓީން ބެލުމަކީ ސިޔާސީ ނުފޫޒުފޯރުވުންކަމަށް ނުދޭކަމުގައި އަސްލަމް ވިދާޅުވިއެވެ.

"ފުލުހުންގެ މުވައްސަސާއަށްވެސް އެހެން މުވައްސަސާއަށްވެސް ދިމާވާ އެންމެބޮޑު ގގޮންޖެހުމަކީ ސިޔާސީ ނުފޫޒު ފީޯރުވުން. އެސިޔާސީ ނުފޫޒާއިއެކު ފުލުހުން ލައްވައި ކަންކަން ކުރުން. އެކަމެއް މިސަރުކާރަކުންވެސް ރައްޔިތުންގެ މަޖިލީހަކުވެސްމިހާރަކު ނުކުރައްވާނެ.. އެއީ މާކުރީގެ ކަބްތައްތަކެއް ސިޔާސީ ނުފޫޒު ފޯރުވުމަކީ" އަސްލަމް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ބިލުގައި ފުލުހުންގެ މަޤާމާއި ގުޅޭ ތަމްރީނާއި ތަޢުލީމް ދިނުމަށް ވަރަށްބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. މަޖިލީހުގައި ބިލެއްގެ މަސައްކަތް ކުރާއިރު، މަޖިލީހުގައި މެމްބަރަކު ފާޅުކުރައްވާ ކޮންމެ ޚިޔާލަކީ ބިލުގައި ހިމެނޭނެކަމެއް ނޫންކަމުގައި އަލީ ނިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މެމްބަރުންގެ ޚިޔާލާއި، ކޮމިޓީގައި ކުރެވޭ މަސައްކަތަކީ ބިލެއް އެކުލަވާލުމުގެ އެންމެ މުހިންމު ބައިތައްކަމަށެވެ.

ފުލުހުންގެ ބިލާއިގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދެއްކެވި މެމްބަރުން ފާޅުކުރެއްި ޚިޔާލުތަކާއި ގުޅޭގޮތުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ މަޖިލީހަކީ ޤާނޫނު ހެދުމުގެ މަސައްކަތް ކުރާ ތަނަކަށްވާއިރު މެމްބަރުންނަކީ ތައުލީމީ ބަޔަކަށް ވުންމުހިންމުކަމަށެވެ. އަދިއެކަމަކީ ޤާނޫނުގައި އެގޮތަށް ކަނޑައަޅަންޖެހޭ ކަމަކަށްވާނަމަ އެކަންކުރުމަށްވެސް އެއްވެސް ހުރަހެއްނެތްކަމަށެވެ.

"މިހާރު ހޮވާފައިވާ މަޖިލީހަކީ ރައްޔިތުން ވޯޓުދީގެން އިންތިޚާބްކޮށްފައިވާ މެމބަރުން ތިއްބެވި މަޖިލީހެއް. މަޖިލީހުގައި ދައްކަވާ ވާހަކަތަކުގައި އެންމެން ބޭނުންވާގޮތަކަށް ވާހަކަ ނުދެއްކެވިދާނެކަންވެސް ގަބޫލުކުރަންޖެހޭނެ. މެމްބަރުން ވާހަކަ ދައްކަވަނީ ރައްޔިތުންގެ ޝުއޫރާއި އެއްގޮތަށް. މެމްބަރުންނަކީ ތައުލީމީ ގޮތުން ވަކި މިންގަޑެއްގައި ތިބި ބަޔަކަށް ވާން ރައްޔިތުން ބޭނުންވާނަމަ އެކަން ޤާނޫނުގެ ތެރެއިން ހަމަޖެއްސުމަކީ ނުކުރެވޭނެ ކަމެއްނޫން" ޢަފޫރު ވިދާޅުވިއެވެ.

ފުލުހުންގެ ބިލުގައި ހުރި މައިގަނޑު ބައިތަކަށް ބަލާއިރު ފުލުހުންނަށް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ހުށަހެޅިފައިވެއެވެ. އެގޮތުން ފުލުހުން އިންތިޒާމްވާނެ ގޮތާއި، ފުލުހުންގެ އޮނިގަނޑު އެކުލަވާލާނެގޮތާއި، ރޭންކްތައް ރެކްރޫޓްވާނެ ގޮތާއި، ބާރުތަކާއި މަސްއޫލިއްޔަތުތައް ބެހިގެންދާނެ ގޮތާއި، އަޚުލާގާއި ސުލޫކު ބަޔާންކުރުމާއި، ތަމްރީނާއި ތައުލީމް ލިބިފައިވާ މިންވަރު ބެލުމާއި، ފުލުހުންގެ އިސްމަގާމުތަކުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މަސައްކަތުގެ ދާއިރާގައި ފުލުހުން ތަންތަނަށް ވަނުމާއި، ބަލާ ފާސްކުރުމާއި، އަމަން ނަގާލައި ހަމަނުޖެހުން ހިންގާއިރު އަމަލުކުރާނެ ގޮތްތައްވެސް ކަނޑައަޅާފައިވެއެވެ. އަދި ފުލުހުންނާއިމެދު އިސްލާހީ ފިޔަވަޅު އެޅޭނެގޮތާއި، ފުލުހުންނަށް ދޭނެ އިނާޔަތްތައްވެސް ބަޔާންކޮށް، ފުލުހުން ކުރާނެ ކުށްތައް ބަލައި ތަހުގީގް ކުރާނެ އޮނިގަނޑެއްވެސް މިބިލްގެ ތެރެއިން އެކުލެވިގެންދާނެއެވެ.