ޚަބަރު

ފުލުހުންގެ މުއައްސަސާއަށް ގެންނަ ބަދަލު ހުރީ ކޮންމިސްރާބަކަށް؟


2004 ވަނަ އަހަރު ފުލުހުންގެ މުއައްސަސާ އުފެދިގެން އައީ ވަކި ޚާއްސަ ޤާނޫނެއްގެ ތެރެއަކުން ނޫނެވެ. އޭރު ފުލުހުންގެ މުއައްސަސާ އުފެދިގެން އައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމުގެ ޚާއްސަ ޤަރާރަކުންނެވެ. ފުލުހުންގެ ޤާނޫނެއް ފުރަތަމަ ވުޖޫދަށްއައީ 2008 ވަނަ އަހަރުގައެވެ. އެއީ 5/2008 ފުލުހުންގެ ޤާނޫނު އެވެ. އަދި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަޤްސަދު މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގެ 244 ވަނަ މާއްދާގައި ވަރަށް ސަރީޙަކޮށް ބަޔާންކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ހަޤީޤަތުގައި ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ފެށިގެން އައީ ނޫރައްދީން ބަންޑާރައިން ހެންވޭރު ހިއްޗަށް ވަޑައިގެންނެވިއިރުގައި ފައިހަމަކޮށް، އެ ރޭ ބޮޑުހިއްޗަށް އަރިހުގައި ވަޑައިގެންނެވި ބޭކަލުންނާ އެކުގައެވެ. ސިފައިންގެ މަސައްކަތް އަންނަމުން އަންނަމުން އައިސް، ގާމާދޫ ޖަލުގައި ކުއްޖަކު މަރާލުމާއި، އީވާން ނަސީމް ތަޅާ މަރާލުމާއި، އަދި އެއަށްފަހު ޖަލުގައި ބަޑިޖަހައި އެތައް ބަޔަކު މަރާލި ހާދިސާއާ ގުޅިގެން، މުޅި މާލެތެރޭގައި ހަމަނުޖެހުން އުފެދި ހިނގާދިޔަ ކަންކަމާ ގުޅިގެން އެކުލަވާލެވުނު ރިޕޯޓުތަކުންނާއި ކޮމިޝަންތަކުން އައި ލަފާގެ ތެރެއިން، ސިފައިންގެ މަސައްކަތުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ވަކިކުރެވިގެންދިޔައެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކުރަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭ ދެވަނަ ބިލެވެ. މި ބިލުގައި ޒަމާނީ އެންމެހައި މަފްހޫމްތައް އެކުލެވެއެވެ. ދިވެހި ރައްޔިތުންގެ ޤަބޫލުކުރާ އެރައްޔިތުންގެ އިތުބާރާއި ޤަދަރު ލިބޭ ފުލުހުންގެ ޚިދުމަތެއް މި ރާއްޖޭގައި ދިނުމަށް ބޭނުންވާ ކަންކަން، މި ބިލާއި އަދި މި ބިލަށް އިއްޒަތްތެރި މެންބަރުން ހުށަހަޅުއްވާފައިވާ އިޞްލާޙުތަކުގައި ހިމެނެއެވެ.

2020 މާރިޗް 20 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ބިލު ހުށަހެޅުއްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވަނީ ބިލުގައި ބަޔާންކޮށްފައިވާ މުހިއްމު ކަންކަން ބަޔާންކޮށް ދެއްވާފައެވެ. ފުލުހުންގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ބައެއް މުހިންމު ކަންކަމުގެ މައްޗަށްވެސް މި ބިލުގައި ކަންކަން ހިންގާނެ ގޮތް ބަޔާންކޮށްފައި ވެއެވެ. އޭގެތެރޭގައި ތަންތަން ބަލައި ފާސްކުރުމާއި، ތަންތަނަށް ވަނުމާއި، އަމަން ނަގައިލެވޭ ހިނދު ލިބިދެވޭ ބާރުތަކާއި، ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރާއި އަދި އޭގެއިތުރުން ހަތިޔާރު ގެންގުޅުމުގެ ބާރުގެ ބިލުގައި ފުރިހަމަޔަށް ބަޔާންކުރެއެވެ. އަދި ބައެއް ކުށްތަކާ ގުޅޭ ގޮތުން ބޭނުންކުރެވޭނެ އުސޫލުތަކާއި، އޭގެ ހުދޫދުތައް ވެސް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކީގައި ފުލުހުންގެ ޢަމަލުތަކާމެދު އާއްމުންނަށް ޝަކުވާކުރެވޭނެ ހަމަތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ފުލުހުންގެ ވަޒީފާއާ ގުޅޭ ކަންކަމާއި، އިޞްލާޙީ ފިޔަވަޅުއެޅޭނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި ތަޙްޤީޤުކުރުމުގެ ހަމަތަކާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ. މީގެއިތުރުން ފުލުހުންނާ މެދު އިޞްލާޙީ ފިޔަވަޅުއެޅޭނެ ގޮތްތަކާއި، ފުލުހުންނަށް ލިބިދެވޭ އިނާޔަތްތަކާއި ހިމާޔަތްތަކުގެ ވާހަކަ ވެސް މި ބިލުގައި ބަޔާންކޮށްފައިވާކަން މެންބަރު ޙަސަން ލަތީފު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ބަޔާންކުރެއްވި ފަދައިން، މި ބިލުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ފުލުހުންގެ މުއައްސަސާ ނުވަތަ ފުލުހުންގެ ޚިދުމަތް! އެ ޚިދުމަތް ދޭނެ ގޮތުގެ އޮނިގަނޑަށް އަންނަ ބޮޑެތި ބަދަލުތަކެއް މި ބިލުގައި ހިމަނާފައިވެއެވެ. ހަމައެއާއެކީގައި މުޖްތަމަޢާއި ފުލުހުންނާ އޮންނަ ގުޅުން ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ.

މީގެއިތުރުން ފުލުހުން ރެކްރޫޓްކުރުމުގައި ޢަމަލުކުރާނެ ހަމަތަކާއި، ފުލުހުންނަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، އަދި ފުލުހުންގެ އަޚްލާޤާއި ސުލޫކާއި ފުލުހުންނަށް ދެވޭނެ ތަމްރީނާއި ތަޢުލީމު ބިނާވެފައި އޮންނާނީ ކޮންހަމަތަކެއްގެ މައްޗަށް ކަމަށާއި، އަދި ފުލުހުންގެ ވާޖިބުގައި އަނިޔާވުމުންނާއި، ނިޔާވުމުން، ދައުލަތުން އެ ފުލުހުންނަށާއި ފުލުހުންގެ ޢާއިލާތަކަށް ލިބިދެވޭނީ ކޮން އިނާޔަތްތަކެއް ކަމާއި ފުލުހުންގެ އިސް މަޤާމުތަކުގެ މަސްއޫލިއްޔަތުތަކާއި އަދި ފުލުހުންގެ މަސައްކަތާއި ހަވާލުވެފައި ހުންނަވާ މިނިސްޓަރެއްގެ ޒިންމާއާއި މަސްއޫލިއްޔަތުތައް ވެސް ބަޔާންކޮށްފައި ވެއެވެ.

"ލާމަރުކަޒީ އުސޫލުން ފުލުހުންގެ މުއައްސަސާ، ފުލުހުންގެ ޚިދުމަތް ދިނުމަކީ އެއީ އެމް.ޑީ.ޕީ އަބަދުވެސް ގަބޫލުކޮށް، އެކަމަށް ވަކާލާތުކުރަމުން އަންނަ ގޮތެއް. ނިޒާމެއް. އަޅުގަނޑުމެން ހުށަހަޅަން ބޭނުން މީގެތެރެއަށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން ދިނުމުގައި މާލޭގެ އިތުރުން ހަތް ސަރަހައްދަކަށް ފުލުހުންގެ ޚިދުމަތް ބެހިގެންދާ ގޮތަށް އެކަން ކުރުން" ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ އެންމެ މުހިއްމު އެއް މަޤްސަދަކީ ދިވެހިން ރައްޔިތުން ވޯޓުލައިގެން ހޮވާ ޑިމޮކްރެޓިކް ވެރިކަން ވޯޓަކާނުލާ ބަދަލުވިޔަ ނުދިނުމެވެ. ފުލުހުންގެ މުއައްސަސާ ވާންޖެހޭނީ ރައްޔިތުންގެ ޑިމޮކްރެޓިކް ވެރިކަން ދަމަހައްޓާ، އެވެރިކަން ކިލަނބުވިޔަ ނުދިނުމަށް، އެކަމަށް ފާރަވެރިވެ މަސައްކަތްކުރާ ބަޔަކަށެވެ. މި ދެންނެވި އަސާސްގެ މަތީގައި ދިވެހި ދައުލަތް ހިފަހެއްޓުމުގެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި ފުލުހުންނެވެ. މިކަން ފާހަގަކުރައްވަމުން މިހާރު ހުށަހަޅުއްވާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާކުރައްވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްވަނީ ދައުލަތް ހިންގުމުގައި ފުލުހުންގެ ދައުރު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ބިލުން ކަށަވަރުވާ ވަރަށް މުހިއްމު އެއްކަމަކީ ފުލުހުންނަށާއި އެ މީހުންގެ ޢާއިލާތަކަށް މިހާރު ޞިއްޙީ ފަރުވާ ލިބި ދިނުމާއި، ވަޒީފާގައި ލިބޭ އަނިޔާއެއްގެ ސަބަބުން ނުކުޅެދޭ ހާލަތަށް ހިނގައްޖެ ނަމަ، ފުލުހަށާއި އޭނާގެ ޢާއިލާއަށް މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަދި ރިޓަޔަރކުރުމަށްފަހު މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ހައުސިންގ ސްކީމުތަކުގެ މަންފާ ލިބިދިނުމާއި، ޢާއިލާގެ މީހުންނަށް ތަޢުލީމު ލިބިދިނުމުގައި ވަސީލަތްތައް ފޯރުކޮށްދިނުމާއި، އިންޝުއަރެންސްގެ ޚިދުމަތް ލިބިދިނުމާއި، ރިސްކު އެލަވަންސް ލިބިދިނުމާއި، އަދި ކޯޕަރޭޓިވް ސޮސައިޓީ ހިންގުމުގެ ފުރުޞަތެވެ.

"ދައުލަތެއް ހިންގުމުގައި ފުލުހުންގެ ދައުރަކީ ވަރަށް ވެސް މުހިންމު، އެހާމެ ބޭނުންތެރި ދައުރެއް. ގާނޫނު ތަންފީޒުކުރުމުގައި، ގާނޫނު ނެގެހެއްޓުމުގައި، މަދަނީ ޙައްޤުތައް ހިމާޔަތްކޮށްދިނުމުގައި، އަދި އާއްމު ރައްޔިތުންގެ ހަމަޖެހުން ގާއިމުވެފައި އޮތުމުގައި ފުލުހުންގެ ދައުރަކީ ވަރަށް ވެސް މުހިންމު ދައުރުތަކެއް" ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މިބިލާއި ގުޅޫގޮތުން ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުންވެސް ވަނީ ފުލުހުންގެ ތެރޭގައި ސިޔާސީ ނޫފޫޒާއި ބާރު އޮތްމިންވަރާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ފުލުހުން ލައްވައި މީހުން ފްރޭމްކޮށް ޤާނޫނާއި ޚިލާފަށް ކަންކަން ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މިހާރު ގެންނަ ބިލުގައިވެސް ވަކި އެޖެންޑާތަކެއް ހުރިކަމަށް އޭނާވަނީ ތުހުމަތު ކުރައްވާފައެވެ.

"އެ ބޭފުޅުންނަށް އެ މީހުން ފްރޭމްކުރެވެނީ ކީއްވެގެންތޯ؟ ފްރޭމްކުރެވެނީ ދިވެހިރާއްޖޭގެ ސިޔާސީ ބާރުގަދަ ބަޔަކު އެކަމަށް އެދޭތީ. ޕޮލިހުންގެ މުއައްސަސާ އަބަދުވެސް ވަނީ ނުފޫޒުތަކެއްގެ ތެރޭގައި. އެ ނުފޫޒުން އެ މުއައްސަސާ ސަލާމަތްނުކުރެވޭހާ ހިނދު މިނިވަން މުއައްސަސާއަކަށް ނުވާނެ" ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ ބިލުގައި ހުރި މައިގަނޑު ބައިތަކަށް ބަލާއިރު ފުލުހުންނަށް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ހުށަހެޅިފައިވެއެވެ. އެގޮތުން ފުލުހުން އިންތިޒާމްވާނެ ގޮތާއި، ފުލުހުންގެ އޮނިގަނޑު އެކުލަވާލާނެގޮތާއި، ރޭންކްތައް ރެކްރޫޓްވާނެ ގޮތާއި، ބާރުތަކާއި މަސްއޫލިއްޔަތުތައް ބެހިގެންދާނެ ގޮތާއި، އަޚުލާގާއި ސުލޫކު ބަޔާންކުރުމާއި، ތަމްރީނާއި ތައުލީމް ލިބިފައިވާ މިންވަރު ބެލުމާއި، ފުލުހުންގެ އިސްމަގާމުތަކުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މަސައްކަތުގެ ދާއިރާގައި ފުލުހުން ތަންތަނަށް ވަނުމާއި، ބަލާ ފާސްކުރުމާއި، އަމަން ނަގާލައި ހަމަނުޖެހުން ހިންގާއިރު އަމަލުކުރާނެ ގޮތްތައްވެސް ކަނޑައަޅާފައި ވެއެވެ. އަދި ފުލުހުންނާއި މެދު އިސްލާހީ ފިޔަވަޅު އެޅޭނެގޮތާއި، ފުލުހުންނަށް ދޭނެ އިނާޔަތްތައްވެސް ބަޔާންކޮށް، ފުލުހުން ކުރާނެ ކުއްތައް ބަލައި ތަހުޤީޤު ކުރާނެ އޮނިގަނޑެއްވެސް މިބިލްގެ ތެރެއިން އެކުލެވިގެންދާނެއެވެ.