ވިޔަފާރި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާއިރު މި މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ 3 އަހަރު ދުވަހުގެ މުއްދަތަކަށްކަށެވެ. އަދި މަސައްކަތަށް ބެލުމަށްފަހު މަޤާމުގެ މުއްދަތު އިތުރު ކުރާނެ ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީގެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، މިފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިކަމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 16 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ޕެންޝަން އޮފީހުގެ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ފޮނުވަންޖެހޭނެކަމަށެވެ.

ދިވެހިރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ޤާއިމްކުރެވިގެންދިޔައީ 2009 ވަނަ އަހަރުއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ 2009 ވަނަ އަހަރުން ފެށިގެން އެމަޤާމު ފުރުއްވަމުން ގެންދެވި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވި މުހައްމަދު ހުސައިން މަނިކެވެ.

ޕެންޝަން އޮފީހުގައި މިހާރު ހުންނަނީ އެކްޓިންގ ސީއީއޯއެކެވެ. އެމަޤާމް ފުރުއްވަމުން ގެންދަވަނީ ފާޠިމަތު ސުޖާތާ ޙަލީމެވެ.