ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު ކުންފުނީގެ އެންމެ އިތުބާރުކުރެވޭ އެއަރލައިންގެ އެވޯޑް މޯލްޑިވިއަންއަށް ލިބިއްޖެއެވެ.
ޖުމްލަ 8 ފަރާތަކަށް މި އެވޯޑު ދީފައިވާއިރު މޯލްޑިވިއަންއަށް މި އެވޯޑު ލިބިފައިވަނީ އޯޝޭނިއާ ކެޓަގަރީގެ ޑޭޝް 8 – 100/200/300 ގެ ކެޓަގަރީއިންނެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ އެވޯޑު ދިނުމުގެ ހަފްލާ ކުރިއަށްގެންގޮސްފައިވަނީ އޮންލައިކޮށެވެ.
މިއަހަރުގެ އެވޯޑުތަކާއި ގުޅޭގޮތުން ޑި ހެވިލޭންޑުގެ ސީއީއޯ ޓޮޑު ޔަންގު ވިދާޅުވީ، ޑޭޝް 8 މަރުކައިގެ މަތިންދާ ބޯޓުގެ މަޤްބޫލުކަން ދަނީ އިތުރުވަމުން ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތުގައިވެސް ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޝް-8 މަރުކައިގެން މަތިންދާ ބޯޓުތައް އޮޕަރޭޓަރުން ބޭނުންކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންއިން ދަނީ ޑޭޝް8 -200 މަރުކައިގެ 37 ގޮނޑީގެ 2 މަތިންދާ ބޯޓާއި ޑޭޝް8-300 މަރުކައިގެ 50 ގޮނޑީގެ 8 މަތިންދާ ބޯޓު އުދުހުންތަކުގައި ބޭނުންކުރަމުންނެވެ.