ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުނައިސްގެ މައްޗަށް 4 ދައުވާއެއް


އޮޅުވާލައި ބްލެކްމެއިލްކޮށް ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި ހައްޔަރުކުރި ބ.ތުޅާދޫ، ހިޔާވަހި، އުނައިސް އަޙްމަދުގެ މައްޗަށް 4 ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުނައިސްގެ މައްޗަށް އުފުލާފައިވާ 4 ދައުވާއަކީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 312 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް އުފުލާފައި ޝަޚްޞު އޮޅުވާލުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން އުފުލާފައިވާ މަކަރާއި ޙީލަތްހެދުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 122 ވަނަ މާއްދާގެ ދަށުން އުފުލާފައިވާ ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. މި 4 ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މޭ މަހުގެ 28 ވަނަ ދުވަހު ފުލުހުންގެ ހައްޔަރުކޮށްފައިވާ އުނައިސްއަކީ ޝަޚްޞު އޮޅުވާލައިގެން ޢުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެކުއްޖާގެ ބައްޕަގެ އަތުން މަކަރާޙީލަތުން ފައިސާ ހޯދައި، އެކުއްޖާ ޑޮކްޓަރަށް ދެއްކުމަށްކަމަށް ބުނެ 27 މޭ 2020 ދުވަހުގެ ވަގުތެއްގައި އެކުއްޖާ މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާ މީހެކެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ 25 އަހަރުގެ އުނައިސް އަޙްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، މި މައްސަލަ އަކީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އުނައިސް ކޯޓުން ދޫކޮށްލުމާއި ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު އޭނާ އަލުން ހައްރުކޮށް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. އަދި ފުލުހުން ވަނީ އޭނާގެ މައުލޫމާތުވެސް އެދުވަހު އާންމުކޮށްފައެވެ.