ޚަބަރު

ކޯވިޑް-19 : ދިން ލުޔާއެކު މިހާތަނަށް 270 މީހުން ޕޮޒިޓިވްވި، މިއަދު އެކަނި 22 މީހުން


ރާއްޖެއިން ކޯވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 22 މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ 6:00 އިން މިރޭގެ 6:00 އަށް ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 22 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހެކާއި، ސްރީލަންކާގެ 4 މީހެކެވެ. ރާއްޖެއިން ވަނީ މިހާތަނަށް 47،741 ސާމްޕަލެއް ނަގާފައެވެ.

ކޯވިޑް19 ފެތުރުން ހުއްޓުވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދީފައިވާ ބޮޑެތި ލުއިތަކާއިއެކު ކޭސްތައް އިތުރުވާނެކަމަށް ބެލެވުނުނަމަވެސް، ކޭސްތައް ފެންނަ އަދަދު ދަނީ މަދުވަމުންނެވެ.

ކޮންމެ ދުވަހަކުވެސް 800 އަށްވުރެ ގިނަ ސާމްޕަލް ނަގާއިރު، މިހާރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން މަދެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް ދިން ލުޔާއިއެކު މިވީ 12 ދުވަހުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 270 މީހުންނެވެ. އަދި މި މުއްދަތުގައި އެންމެ މަދުން މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 6 މީހުންނެވެ.

ފާއިތުވީ 12 ދުވަހުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އެގޮތުން މިދިޔަ 12 ދުވަހުގެ ތެރޭގައި 171 ބިދޭސީއަކު ޕޮޒިޓިވްވެފައިވާއިރު މި މުއްދަތުގައި ޕޮޒިޓިވްވެފައިވަނީ 99 ދިވެހިންނެވެ.

ފާއިތުވެދިޔަ 12 ދުވަހުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވި މީހުންގެ އަދަދުތައް:
- 15 ވަނަ ދުވަހުން ފެށިގެން ޕޮޒިޓިވްވެފައިވަނީ 270 މީހުން
- ދިވެހިން 99 މީހުން
- ބިދޭސީން 171 މީހުން

ރާއްޖެއިން ކޯވިޑް19 ފެނުނު ފަހުން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނައީވެސް ރާއްޖޭގައި ދިރިއުޅޭ އެކި ޤައުމުތަކުގެ ރައްޔިތުންނެވެ. މީގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިޙާތަނަށް ބަންގްލަދޭޝްއަށް ނިސްބަތްވާ 1193 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބަލި މިހާތަނަށް ޖެހުނު ދިވެހިންގެ އަދަދަކީ 808 އެވެ.