ޚަބަރު

ކޯވިޑް-19 : އިންކަމް ސަޕޯޓަށް 5.7 މިލިއަން، ގިނައީ ޒުވާނުން


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުންނާއި، އެނޫންވެސް ގޮތްގޮތުން ފޯރުކޮށްދެވުނު އެހީތެރިކަން ގިނައިން ދެވިފައިވަނީ ޒުވާނުންކަމުގައި ޖެންޑާ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރައްވަމުންދާ މަސައްކަތަކުގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދެވުނު އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކޯވިޑް-19ގެ މިހާލަތުގައި ވަރަށް ގިނަ ކަންތައްތަކެއް އެނގިގެން ގޮސްފައިވާކަމަށެވެ.

ޖެންޑަރ މިނިސްޓްރީން އެންމެ އިސްކަމެއްދީގެން އެހީތެރިކަން ފޯރުކޮށް ދެމުންދަނީ މުޖުތަމައުގައި ތިބި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށްވީނަމަވެސް މިހާލަތާއި ގުޅިގެން މިނިސްޓްރީން ވަރަށް ފުޅާދާއިރާއެއްގައި އާންމު އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭން ޖެހުނުކަމަށެވެ. މީގެ ތެރޭގައި ވަޒީފާ ގެއްލުނު މީހުންނާއި، ނޯޕޭލީވްގައި ތިބި މީހުންނާއި، މުސާރަޔާއި އިނާޔާތް ކުޑަކުރި ފަރާތްތައްވެސް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ތެރެއިން އިންކަމް ސަޕޯޓް އެލަވަންސަށް އެދުުނު 1450 މީހަކަށް 5،759،448.05ރ (ފަސް މިލިއަން ހަތް ލައްކަ ފަންސާސް ނުވަހާސް ހަތަރުސަތޭކަ ސާޅީސް އަށް ރުފިޔާ ފަސް ލާރި) ދޫކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއެވެ. އަދި 397 މީހަކަށާއި ކުލި ދެއްކުމުގައި ދަތިކަން ދިމާވި 112 މީހަކަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ތެރެއިން ބޮޑު އިންސައްތައަކީ ޒުވާނުންކަމަށެވެ. މީގެ ތެރޭގައި ވަޒީފާތަކުން ކަނޑާލުމާއި، މުސާރަނުލިބުމުގެ ސަބަބުން ކުލި ނުދެއްކި ކާނެ ގޮތެއްނެތި ގޮތް ހުސްވެގެން އެހީތެރިކަމަށްއެދުނު ޒުވާނުންވެސް ހިމެނެއެވެ. މީގެ ތެރޭގައި ޒުވާން ދެމަފިރިންނާއި، ތުއްތު ތުއްތު ކުދިންވެސް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ މުސްތަގުބަލުގައި މިފަދަ ކަންކަން ކުރިމަތިވެދާނެކަމަށް ބަލައި ޚާއްސަ ސަމާލުކަން ދޭންޖެހިފައިވާ ދާއިރާއެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ޙާލަތަތްކުގައި އެހީތެރިކަމަށް އެދޭ މީހުންގެ ތެރެއިން ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުން ދެނެގަތުން މުހިންމު ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް ރަނގަޅުކުރަންހުރި ކަންތައްތައް ރަނގަޅުކޮށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބެންޖެހޭ އެހީ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޔުނިސެފާއި، ބޭރުގެ އެކި ޖަމްއިއްޔާތަކާއި ގުޅިގެން މިމަސައްކަތް ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާ ގިނަ އަދަދެއްގެ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށް ދޭންޖެހުމުން މިކަމަށް ޚާއްސަ ނަޒަރަކުން ބަލައި ޔޫތް މިނިސްޓްރީއާއިއެކު މިކަމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އިޖުތިމާއީ ދާއިރާގެ ހިދުމަތް ދިނުމުގެ މަސްޓާ ޕްލޭނެއް އެކުލަވާލައި، ޔޫތްއެންޑް ކޮމިއުނިޓީގެ މާސްޓާ ޕްލޭނެއްވެސްއެކުލަވާލުމަށް މަސައްކަތް ފަށާފައިވާކަމަށެވެ.

ޔޫނުސް❤

އައިޝަތު މުޙައްމަދު ދީދީ ހަމަ އެވަރެއް ނެތް ތީ ހަމަ މި މަގަމައް ކަމުދާ ބޭފުޅެއް♥️