ޚަބަރު

ޤާނޫނުތަކާއި ޤަވާއިދުތައް މަދެއްނޫން، އިންސާފް ޤާއިމު ކުރުމަށް އޮތް ހުރަހަކީ ކޮބާ؟


އަންހެނުނަށް ކުރާ އަނިޔާތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ނުހުއްޓުވި ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިފަދަ ކަންބޮޑުވުންތަކާއިއެކު ކޮންމެ ފަހަރަކުވެސް ތަންފީޒީ އިދާރާތަކުން ބަހަކީ އެކަންކަން ފުރިހަމައަށް ތަހުޤީޤުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅުތައް އަޅުއްވާނެ ވާހަކައެވެ. ނަމަވެސް މައްސަލަތައް ނުބެލި ލަސްވުމާއި، ބައެއް މައްސަލަތައް ވީހިސާބެއްވެސް ނޭގޭކަމީވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެކެވެ. އިންސާނީ ހައްގުތަކާއި، އިންސާނީ ކަރަކާތް ގެއްލިގެންދާ ޖިންސީ ގޯނާގެ ނާތަހުޒީބު އަމަލުތައް ހިމެނޭ މައްސަލަތައް ނުބެލި ލަސްވާ ކޮންމެ ދުވަހަކީ އިންސާފަށް އެޅޭ ހުރަހެއް ކަމުގައި އެންމެންވެސް އެއްބަސް ވެއެވެ.

ޖިންސީ ގޮތުން ކުރެވޭ ގޯނާތަކާއި، ގެވެށިއަނިޔަ އާއި، ރޭޕްތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ތިލަވެ ރައްޔިތުންގެ ސަމާލުކަމަށް އަންނަ މައްސަލަތައް ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. މިފަދަ މައްސަލަތައް އިތުރުވެ ކަންބޮޑުވުން އިތުރުވެގެން މިދަނީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ނުރަނގަޅު ސަގާފަތެއްގެ ސަބަބުންކަމަށް ދެކޭ ފަރާތްތައްވެސް މަދެއްނޫންވެ. ސިޔާސީ ނުފޫޒްތަކާއި، ބާރުވެރިކަން ހުރި ފަރާތްތަކުގެ ބާރުވެރިކަމާއިއެކު މިފަދަ މައްސަލަތަކުގައި ޝާމިލުވާ އެތައްބަޔަކު މުޖުތަމައަށް ދޫވުމަކީ އަދި ދޫވަމުން ދިޔުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެގެންދާ ސަބަބުތަކެވެ.

ރާއްޖޭގައި ހިންގާ މިފަދަ މައްސަލަތައް ނުބެލި، ނޫންނަމަ ނުބަލައި ދޫކޮށްލާފައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރު ކުރާނެ ގޮތްތަކެއް ނެތިގެން ނޫނެވެ. ޤާނޫނުތަކާއި، ޤަވާއިދުތައްވެސް ނެތިގެންނޫނެވެ. މިފަދަ މައްސަލަތައް ބަލާނެ ކޮމިޝަންތަކާއި، މުވައްސަސާތައްވެސް ނެތިގެނެއްވެސް ނޫނެވެ. މިފަދަ މައްސަލަތައް ނުބެލި ދޫވެގެންދާ އެންމެބޮޑު ސަބަބުކަމަށް އެންމެނަށްވެސް އިއްތިފާގުވެވޭ އެއްކަމަކީ ސިޔާސީ ނުފޫޒު މިފަދަ މައްސަލަތަކުގެ ތެރެއަށް ވަނުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ބާރުވެރި އާއިލާތަކާއި، ބާރުވެރި ނުފޫޒުގަދަ ބޭފުޅުން މިފަދަ މައްސަލަތަކުން ސަލާމަތްވާތަން ފެންނަކަމަށެވެ. އެމީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވި މައްސަލަ ނުބެލި ސަލާމަތްވާ މަންޒަރަކީ މިޤައުމުގައި ފެންނަމުންދާ މަންޒަރުކަމަށެވެ.

އީވާ ވިދާޅުވީ ރާއްޖޭގައި މިފަދަ މައްސަލަތައް ނުބެލިގެން އުޅެނީ ޤާނޫނުތަކާއި، ގަވާއިދުތައް ނެތިގެން ނޫންކަމަށެވެ. އަދި ވެރިކަންތައް ބަދަލުނުވެގެންވެސް ނޫންކަމަށެވެ. މިކަންކަން ބެލޭނީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާއިމެދު އިންސާފުވެރިކަމާއިއެކު އަމަލުކުރެވިގެންކަމުގައި އީވާ ވިދާޅުވިއެވެ.

"ދިވެހިރައްޖޭގެ އަންހެނުންނަށް ރައްކާތެރިކަމާއި އިންސާފު ފޯރުނުކޮށްދެވުނު. ނުކޮށްދެވުނު. ސިޔާސީ ޕާޓީތައް އަންނަނީ، ވެރިކަންތައް ބަދަލުވަނީ އެކަމު މިހާލަތު އަޅުގަނޑުމެންނަށް ބަދަލުނުކުރެވުނު. ޤާނޫނުތައް ކިތަންމެ ވަރަކަށް ހެދިޔައް އަޅުގަނޑުމެންނަށް މިބަދަލެއް ނުކުރެވުނު. އެހެވީމަ މިބަދަލު ގެނެވެންދެން އަޅުގަނޑުމެން ބަޖެޓްތަކުގައި ފައިސާވެސް ޖަހަންވީ. ޤާނޫނު ބަދަލުކޮށް، މުވައްސަސާތަކުގައި ތިބިވެރިން ބަދަލު ކުރަންޖެހޭނަމަ އެމީހުންވެސް ބަދަލުކުރަންވީ. ޕޮލިޓިކަން ކޮމިޓްމަންޓް ތާއަބަދަަށްމިކަމަށް އޮންނަންޖެހޭ" މަޖިލިސް ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތަކާއި، އަންހެނުންނަށްކުރާ ޖިންސީ ގޯނާތަކުގެ ވާހަކަ ހުއްޓުމެއްނެތި ދެކެވެމުންދާއިރު މިކަންކަމުގެ އެންމެބޮޑު ނުރުހުމެއް އަމާޒުވާ އެއް މުވައްސަސާއަކީ ފުލުހުންގެ މުވައްސަސާއެވެ. އަދި އެއްބާވަތެއްގެ މައްސަލަތަކުގައި، ތަފާތުކޮށް އަމަލުނުކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް ގޮވާލަމުން ގެންދެއެވެ.

ފުލުހުން މަސައްކަތް ކުރުމުގައިވެސް ޚާއްސަ ޤާނޫނީ ބާރުވެރިކަން ލިބި ޤާނޫނުގެ ތެރެއިން މިކަންކަން ބެލުމުގެ ބާރާއި ޒިންމާ އޮތީ މަތިކޮށްފައެވެ. ރާއްޖޭގައި މިފަދަ އިންސާނިއްޔަތާއި ޚިލާފް ބޮޑެތި ކުއްތައް ބެލުމަށް އެތަކެއް ޤާނޫނެއް ވަނީ އެކުލަވާލެވިފައެވެ. ޖިންސީ ކުށްތަކާއި، ކުޑަކުދިންގެ ހައްޤުތަކާއި، އަންހެނުންނަށް ކުރެވޭ އަނިޔާއާއި، ޖިންސީ ގޯނާފަދަ މައްސަލަތައް ބެލުމަށް 90 ގެ އަހަރުތަކުން ފެށިގެން މިހަތަނަށް 13 ޤާނޫނެއް ވަނީ އެކުލަވާލެވިއެވެ. އަދި 1976 އަހަރުން ފެށިގެން ހެއްކާއި ބެހޭ ޤާނޫނެއް އެކުލަވާލެވި ދަނީ ތަންފީޒު ކުރެވެމުންނެވެ.

1990ގެ އަހަރުތަކުނެ ފެށިގެން 2020 ވަނަ އަހަރައި ހަމަޔަށް އެކުލަވާލެވުނު އަންހެނުންނާއި، ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށްދޭ ޤާނޫނުތައް:
- 1991 ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު
- 2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު
- 2012 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު
- 2014 ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު
- 2014 ޖިންސީ ކުށުގެ ޤާނޫނު
- 2014 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު
- 2014 އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު
- 2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނު
- 2016 ޖެންޑަރ އިކުއަލިޓީގެ ޤާނޫނު
- 2016 އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު
- 2016 ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު
- 2019 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނު
- 2019 ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު

އިންސާނީ ހައްގުތައް ކަށަވަރުކުރުމަށާއި، ޤާނޫނުގޮތުން ކުރެވޭ މިފަދަ ބޮޑު ކުއްތަކަކީ އެއްވެސް ނުފޫޒެއްނެތި އިންސާފުވެރިކަމާއިއެކު ބެލެންޖެހޭނެ މައްސަލަތަކެއްކަމަށް މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދެއްކެވި މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ. އިންސާފު ޤާއިމްކުރުމުގައި ވަކި މީހަކަށް ވީތީ، ވަކި އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވީތީ ނުބަލައި ހަމަހަމަކަމާއި އިންސާފުވެރިކަމާއިއެކު މިފަދަ މައްސަލަތައް ބެލުމަށް މެމްބަރުންވަނީ ގޮވާލާފައެވެ.