ޚަބަރު

ޖިންސީ ގޯނާގެ މައްސަލައިގައި ފުލުހުން އަމަލުކުރިގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަންފަށައިފި


ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ތަހުގީގުކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައި ވާގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި، ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރް.ސީ.އެމުން ތަހުގީގުކުރަމުންދާކަމަށެވެ. އަދި ކޮންމެ ފުލުހަކީވެސް ނުފޫޒުން އެއްކިބާވެތިބެ މިނިވަންކަމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާ ބަޔަކަށްވުމަކީ އަބަދުވެސް ތާޢީދުކޮށް ބާރުއަޅުއްވާ ކަމެއްކަމުގައި ސީޕީ ޙަމީދު ވިދާޅުވިއެވެ.

ސީޕީ ޙަމީދު ވިދާޅުވީ، ފުލުހުންގެ ޢަމަލުތައް ބަހައްޓާނީ އަދި ބާރުގެ ބޭނުންކުރާނީވެސް ރާއްޖޭގެ ޤާނޫނު އަސާސީން ލިބިފައިވާ ބާރުތަކާއި، ޤާނޫނީ އިމުގެ ތެރެއިންކަމަށެވެ. އަދި ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގާށް ފާހަގަކުރެވޭ ކަންކަމާމެދު އިންތިޒާރުކުރަމުންދާކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މިމަހުގެ 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއްގައި ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް 39 އަހަރުގެ ދިވެހި 2 ފިރިހެނުން ގެނެސްފައި ވެއެވެ. ނަމަވެސް އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތައް ބަލާއިރު އެމީހުން ބަންދުގައި ބައިތިއްބައިގެން ތަޙްޤީޤު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ފުލުހުން އެ 2 މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

ހުޅުމާލެ ފަޅުގއި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖީންސީ ގޯނާކުރި މައްސަލައިގައި ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ. އަދި މި މައްސަލައިގެ އަނިޔާ ލިބުނު ފަރާތަށް ފުލުހުންގެ ވިކްޓިމް ސަޕޯރޓް ޑިޕާޓްމަންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި، މިފަދަ ނާޒުކު މައްސަލަތަކުގެ މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަޤީޤަތާ ޚިލާފަށް އަދި އަނިޔާލިބިފައިވާ މީހާއަށް އިތުރު އުނދަގޫތައް ކުރިމަތިވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.