ވިޔަފާރި

ކުރިއަށް އޮތް ދެދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނެ ގަޑިތައް އާއްމުކޮށްފި


މި ހަފްތާގެ ބާކީ އޮތް ދެދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނެ ގަޑިތައް އާއްމުކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ ޖުލައިމަހުގެ 1 ވަނަ ދުވަހާއި ޖުލައިމަހުގެ 2 ވަނަ ދުވަހު ( ބުދަ އަދި ބުރާސްފަތި ދުވަހު) އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 02:00 އަށް ކަމަށެވެ.

ކުދި ރުފިޔާ ދޫކުރުމުގެ ޚިދުމަތާއި ވަކިލާރި ދޫކޮށް ބަލައިގަތުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްފަދައިން އެޕޮއިންޓްމަންޓް އުޞޫލުން އަންނަ ބުރާސްފަތިދުވަހު ދޭނެ ކަމަށް އެމްއެމްއޭއީ ހާމަކުރެއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ވަނީ މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވާ، ހިދުމަތް ދިނުމަށް ނިންމާފައެވެ. އަދި މިދުވަސްތަކުގައި ބެންކުތައް ހުޅުވާފައިވަނީވެސް ހެނދުނު 9:30 އިން ފެށިގެން މެންދުރު 2:00 ޖެހުމާ ހަމައަށެވެ.

ޖުލައި 1 ވަނަ ދުވަހުން ފެށިގެން ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ދެއްވާފައެވެ. މިއާއެކު އަންނަ ހަފްތާއިން ފެށިގެން ބޭންކުތައް ހުޅުވާ ޙިދުމަތްދޭ ގަޑިތަކަށްވެސް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.