ޚަބަރު

ހެކިބަސްދޭން ޖެހިލުންވިޔަސް ދައުވާ ނުކުރެވެންވީ ސަބަބެއްނެތް


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުދިޔަ މައްސަލަތަކުގައި ބަޔާންދިން މީހުން ހެކިބަސްދޭން ޖެހިލުން ވިޔަސް އެމައްސަލަތަކުގައި ދައުވާނުކުރެވެންވީ ސަބަބެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

ޝަރުއީ ނިޒާމުގައި ހެކިބަސް ނެގުމުގައި ހުރި މައްސަލަތައް ފާހަގަކޮށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީޙުގެ ރައީސް ވިދާޅުވީ މަރުތަކާއި ގުޅޭގޮތުން ބަލަމުންދިޔަ މައްސަލައެއްގައި 4 ސިއްރު ހެކިވެރިޔަކު ކޮމިޝަނަށް ކަން ހިނގާފައިވާ ގޮތް ކިޔަދީފައިވާކަމަށެވެ. އަދި މިހާރު ބަޔާންދިންތާ އެތައްދުވަހެއްވެ ކަންކަން ބަދަލުވެފައިވާ ގޮތުންނާއެކީ މިހާރު އެމީހުން ކޮމިޝަނަށް ބަޔާން ދޭން ދެކޮޅު ހަދާކަމަށް އެގިފައިވާކަމަށެވެ.

ހެކިބަސް ދިނުމަކީ ޤާނޫނު އަސާސީންވެސް ރައްޔިތުންގެ މައްޗަށް ވާޖިބް ކޮށްފައިވާކަމަކަށްވާއިރު، ހެކިބަސްދޭ ދެކޮޅު ހަދައި، ޝަރީއަތުގެ މަޖިލީހުގައި ކަންކަން ކިޔައި ދިނުމަށް ޖެހިލުންވުމަކީ ޤާނޫނު އަސާސީގެ މަފްހޫމާއި، ތަޤާރަޒުވާކަމެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ހަތަރު ސިއްރު ހެއްކެއް މިވަނީ މަރުތަކާއި ގުޅޭގޮތުން ފުރަތަމަ ބަޔާނެއް ކަންހިނގާދިޔަ ގޮތެއް ކޮމިޝަނަށް ސާފުކޮށްދީފަ. ކޮމިޝަނަށް 4 ބޭފުޅަކު ސިއްރު ހެކިންވަނީ ބަޔާނެއްދީފަ. އެބަޔާން ދިނުމާއި އެކުގައި އެރައްދުވާ ނުވަތަ ތުހުމަތުވާ ފަރާތްތައް ދެން ބޭރުގައި ތިއްބާ ސިއްރު ވިޔަސް ފާޅުގައި ވިޔަސް ބައެއް ފަރާތްތަކަށް ހެކިބަސްދޭން އެބަޖެހިލުންވޭ. އެހެންނަމަވެސް މިހާރު ފާހަގަވާ ނުކުތާތަކަކީ ހެކިބަސް ދިނުމަކީ ޤާނޫނު އަސާސީގައި ރައްޔިތުންގެ ވާޖިބެކޭ. އެރައްޔިތުން ކުރާންޖެހޭ ކަމެކޭ. ޤާނޫނު އަސާސީގައި ރައްޔިތުންގެ ހައްގުތަކާއި އެކީގައި ވާޖިބްތަކެއްވެސް ހަވާލުކޮށްފައިހުރޭ. ޝަރީއަތަށް ގޮވީމާ ޝަރީއަތަށް ދާންޖެހޭ. އަދި ޝަރީއަތުގައި ތެދުބަހުން ވާހަކަދައްކަންޖެހޭ. އަޅުގަނޑަށް ފެންނަ ފެނުގައި އަނެއްކާވެސް މިސާފުވަނީ ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ މައްސަލައިގަ ކުރަންޖެހޭ ދައުވާތައް މިވަގުތުން ވަގުތަށްވެސް ނުކުރެވެންވީ ސަބަބެއް އޮތްކަމަށް އަޅުގަނޑަށް ވިސްނަން ގަބޫލުކުރަން ދަތި" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޝަރުއީ ނިޒާމުގައި ހެކިބަސް ނެގުމުގައި ހުރި މައްސަލަތައް ފާހަގަކޮށް ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައި ސިޓީގައި ބުނެފައިވަނީ މައްސަލަތައް ދިގުލައިގެން ދަނީ ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުގެ ސަބަބުންކަން ކޮމިޝަނަަށް އެނގިފައިވަނީ މައްސަލަތައް ލަސްވަނީ ކީއްވެތޯ ބަލަން ކުރި މަސައްކަތުންކަމަށެވެ. ހެކިބަސް ދޭން މީހުން ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން މީހުން ހާޒިރު ކުރެވެން އޮތް ނަމަވެސް، ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް މީހުން ބުނުމުން ކްރިމިނަލް ކޯޓުންވަނީ އެކަން ބަލައިގަންނަން ފަށާފައެވެ.

ކްރިިމިނަލް ކޯޓުން ހެކިބަސް ނެގުމުގައި އަމަލުކުރަމުންދާ އުސޫލާއި ގުޅިގެން އެހެން ކޯޓުތަކުން ވަނީ އެގޮތަށް އަމަލުރަން ފަށާފައެވެ. ހެކިވެރިޔާ ބޭނުންނުވާނަމަ ހެކިބަސް ނުނެގުމަށް ނިންމާ، އަދި އަމިއްލަ ބައެއް މައްސަލަތަކުގައިވެސް މިގޮތަށް މިކަން ތަކުރާރުވަމުންދާކަމަށް ޖޭއެސްސީގެ ބަޔަނުގައި ބުނެފައިވެއެވެ. މައްސަލަތައް ނިންމުމުގައާއި، ޝަރީއަތްކުރުމުގައި މިހާރު ހިނގަމުންދާ ކަންކަން ބަދަލުކޮށް، ޚާއްސަކޮށް ހެކިބަސް ނެގުމުގައި ކޯޓުތަކުން މިހާރު އަމަލުކުރަމުންދާ އުސޫލު ބަދަލުކުރަންޖެހޭކަމަށް ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.