ޚަބަރު

އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށައަޅައިފި


އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެ ގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއި އެކު ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފް އަނިޔާތައް ކުއްވެރިކޮށް އެއަނިޔާތައް ހުއްޓާލުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެއެވެ. މި ޤަރާރުގައި ބުނެފައިވަނީ 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަށް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިޒްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށް މިޤަރާރުގައި ވަނީ ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާއިމެދު ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުމެއްނެތް ގޮތުގައި ތަކުރާރުވަމުން ދިއުމަކީ އިންސާނީ ކަރާމަތާއި، އިންސާނީ ޝަރަފް ނަގާލުން ކަމަށްވެސް އެޤަރާރުގަިއ ބުނެފައި ވެއެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފް އަމަލުތަކެއްކަމުން، އެޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިޒްރާއިލުގެ އަނިޔާވެރި އަމަލުތަށް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއްކަމުގައިވެސް އެ ޤަރާރުގައި ބުނެފައިވެއެވެ.

ރާއްޖެއިން ބައިވެރިވެފައިވާ އެކުވެރި ދަޢުލަތްތަކުގެ ޖަމްޢިއްޔާ (އދ) ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ބޯނުލަނބާ މައްސަލައިގައި އިޒްރާއީލް ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލުމަކީވެސް މުޙިއްމު ކަމެއް ކަމުގައި މިޤަރާރުގައި ވަނީ ބުނެފައެވެ.

ދިވެހިރައްޔިތުންނަކީ އަބަދުވެސް ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލޯބިކުރާ އަދި އަޚްވަންތަ ކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއްކުރާ ބަޔަކަށް ވީހިނދު، މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި އެންމެހާ ލޮބިވެތި ރައްޔިތުން ތިއްބެވީ ފަލަސްޠީންގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ހާމަކުރުމަކީ ފަލަސްޠީނުގެ ބިންތަށް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްޠީނުގެ މިނިވަންކަމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ހައްޤުތަށް ކަށަވަރު ކޮއްދިނުމަށް މަސައްކަތްކުރަމުންދާ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގެންދާނެ މުޙިއްމުކަމެއް ކަމަށް ވެގެންދާނެކަމަށްވެސް މިޤަރާރުގައި ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލުމާއި، ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ހައްޤުތަށް ކަށަވަރުކޮއްދިނުމަށް ގޮވާލައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިމައްސަލައާއި ދޭތެރޭ ދެކޭގޮތް ބައިނަލްއަޤްވާމީ މުޖުތަމައަށް ހާމަކުރުމަކީ މިޤަރާރު މަޖިލީހަށް ހުށަހެޅި އެންމެ މުހިންމު މަޤްސަދުކަމަށްވެސް ސައުދު ވިދާޅުވެއެވެ.